ކުރިޔަށް ހުރި އިންތިހާބުތައް ކާމިޔާބުކޮށް ރާއްޖެ އަނބުރާ ދިވެހިންނަށް ހޯދައިދެއްވާނެ ކަމަށް ވިދާޅުވެ އެކަން ހާސިލު ކުރުމުގެ މަސައްކަތުގައި ބަދަލުކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެ ދެއްވައިފި އެވެ.


ޑީއާރްޕީގެ ފަސް ވަނަ އަހަރީ ޖަލްސާ ފާހަގަ ކުރުމަށް ރޭ ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީނު ވިދާޅުވީ މާޒީގައި ތާށިވެފައި ތިބެން ބޭނުން ނުވާ ކަމަށާއި ދިވެހިން އުންމީދުކުރާ ކަންކަން ހާސިލު ކުރުމަށް އެކުގައި މަސައްކަތްކޮށް އަންނަން ހުރި އިންތިހާބުތައް ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންނަށް ދިވެހި ރާއްޖެ އަނބުރައި ހޯއްދަވައިދެއްވާނެ ކަމަށެވެ.


ތުލުސްދޫ އަތިރިމައްޗަށް ޖަމާވެފައިވާ އެ ރަށު މީހުންނާއި ހިންމަފުއްޓާއި ދިއްފުއްޓާއި ހުރަ އާއި މާފުށީގެ އެތައް ސަތޭކަ މީހުނާ މުހާތަބުކުރައްވައި ތަސްމީން ވިދާޅުވީ ރައްޔިތުން ގަބޫލު ކުރާ ހަމަތަކާއި އުސޫލުތަކާއި އިޖުތިމާއީ އަގުތައް ކުރިއަރުވައި އެކަން ކަމަށް ވަކާލާތު ކުރުމަށްޓަކައި ދިވެހި ރައްޔިތުންގެ ޕާޓީން މަސައްކަތް ކުރާނެ ކަމަށެވެ. އެ މަސައްކަތުގައި ދިވެހި ގައުމު ދާން ބޭނުންވާ ހަގީގީ މަންޒިލަށް ވާސިލު ކޮށްދެވޭނީ ވެސް ހަމަ އެކަނި ޑީއާރްޕީ އަށް ކަމަށެވެ. އެ މަސައްކަތްކުރާ އިރު "އަޅުގަނޑުމެން ބޭނުން ނުވާ" ކަންކަން އެބަހުރި ކަމަށް ތަސްމީން ވިދާޅުވި އެވެ.


ރައްޔިތުން މިއަދު ބޭނުން ނުވާ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށް އިޝާރަތް ކުރައްވައި ތަސްމީން ވިދާޅުވީ ބައިވެރިވެފައިވާ ޕާޓީއެއްގެ ސަބަބުން ނުވަތަ ގެންގުޅޭ ސިޔާސީ ފިކުރެއްގެ ސަބަބުން ވަޒީފާތައް ގެއްލިގެންދާ ބޭނުން ނުވާ ކަމަށެވެ.


"އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ އަޅުގަނޑުމެން ބައިވެރިވެފައިވާ ޕާޓީއެއްގެ ސަބަބުން، ނޫނީ އަޅުގަނޑުމެން ގެންގުޅޭ ސިޔާސީ ފިކުރެއްގެ ސަބަބުން އަޅުގަނޑުމެންގެ ވަޒީފާގެ ފުރުސަތުތައް ބަންދުވެގެންދާކަށް،"  ތަސްމީން ވިދާޅުވި އެވެ. "ދައުލަތުގެ ވަޒީފާތައް ހަމަޖެހުމުގައި ސިޔާސީ ފިކުރަށް ބަލައިގެން ކަންކަން ކުރަމުން ގެންދިއުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑުމެނަށް އޮންނަ ވަޒީފާގެ ޔަގީންކަމަކީ ޕާޓީގެ މެންބަރަކަށް ވާކަށެއް އަޅުގަނޑުމެން ބޭނުމެއް ނުވޭ،"


ތަސްމީން ވިދާޅުވީ ވަކި ޕާޓީއެއްގައި ނުހިމެނޭ ކަމަށްވާ ނަމަ ހިދުމަތްތަކުން މަހުރޫކުރެވޭ ގޮތަށް ވާން ބޭނުން ނުވާ ކަމަށާއި ދިވެޖި މުޖުތަމައަކީ ތަނަވަސްކަން ނެތް މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތުގެ ފުރުސަތު ގެއްލިފައިވާ މުޖުތަމަކަށް ވާން ބޭނުން ނުވާ ކަމަށެވެ.


"އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ މި މުޖުތަމައަކީ ތަނަވަސްކަން ނެތް މީހުން، އެ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބުމުގެ ފުރުސަތު ގެއްލިފައިވާ މުޖުތަމައަކަށް ވާކަށް،" ޑީއާރުޕީގެ ލީޑަރު ވިދާޅުވި އެވެ. "އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ ބުރަ މަސައްކަތުން ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރެޓިކް ނިޒާމް، އެ ނިޒާމް ހާސިލު ކުރުމަށްޓަކައި ވަރަށް ބޮޑު އަގެއް އަޅުގަނޑުމެން ދައްކާފައިވާ ނިޒާމަކީ އެއް ފަރާތެއްގެ މައްޗަށް ހުރިހާ ބާރުތަކެއް އެއްވެފައިވާ ގޮތަށް ބައްޓަންވާ ނިޒާމަކަށް ވާކަށް. އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ މި ނިޒާމު އަޅުގަނޑުމެން އަތުން ގެއްލިގެން ދާކަށް. އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ މި ނިޒާމުގެ ތެރޭގައި ހިމެނޭ މުސްތަގިއްލު މުއައްސަސާތަކުގެ ދައުރު މިނިވަންކަމާ އެކީގައި އަދާ ނުކުރެވޭ ގޮތަކަށް ކަންކަން ބަދަލުވެގެންދާކަށް،"


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބުނާ ގޮތެއް ހަދަން އޮންނަ މަޖިލީހަކަށްވާ ގޮތަށް ކަންކަން ފުރޮޅިގެންދާން ބޭނުން ނުވާ ކަމަށާއި ބާރުތައް ބެހިފައިވާ ޑިމޮކްރެޓިކް ނިޒާމު ބަދަލުވެގެންދާން ބޭނުން ނުވާ ކަމަށެވެ.


"އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ އަޅުގަނޑުމެން މި ބަލައިގެންފައިވާ ބާރުތައް ބެހިފައިވާ ނިޒާމް، ހުދުމުހުތާރު ނިޒާމަކަށް ބަދަލުވެގެން ދާކަށް. ވަކި މީހެއްގެ އަތްމައްޗަށް ހުރިހާ ބާރެއް ޖަމާވާ ގޮތަށް ބަދަލުވެގެންދާކަށެއް އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ،"  ތަސްމީން ވިދާޅުވި އެވެ. "އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ ގައުމުގައި ސަލާމަތާއި ރައްކާތެރިމާއި ގައުމުގެ އިސްތިގުލާގު ގެއްލޭކަށް. މުސްތަގުބަލު އުޖާލާކޮށް ބޭއްވުމަށްޓަކައި ކޮންމެހެން ދައުލަތުގެ ބާރުގެ ދަށުގައި ހުންނަން ޖެހޭ މުހިންމު ރައުސުލްމަލުތައް އެނޫން ގޮތަކަށް ބޭރުގެ ބައެއްގެ އަތްމައްޗަށް ބީވެގެންދާކަށެއް އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ،"


ތަސްމީން ވިދާޅުވީ ގައުމެއްގެ ގޮތުގައި ދެމި އޮތުމަށްޓަކައި ބޭނުންވާ ގައުމުގެ މުއާސަލާތީ ވަސީލަތްތަކަކީ ސަރުކާރުން ކުރާ މުއާމަލާތެއްގެ ސަބަބުން އަތްމަތިން ބީވެ، ސަރުކާރުގެ ބާރު ނުފޯރާ ގޮތަކަށް ވެފައި އޮންނަ ވަސީލަތަކަށް ވާން ބޭނުން ނުވާ ކަމަށާއި ގައުމުގެ މުސްތަގުބަލް ދެމި އޮތުމުގެ މައްޗަށް ބިނާވެފައިވާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކަކީ ހިދުމަތް ފޯރުކޮށް ދިނުމުގައި އެންމެ ފުރިހަމަ ނޫން ތަންތަނަށް ވާން ބޭނުން ނުވާ ކަމަށެވެ. ގައުމުގެ މުއްސަނދިކަން ހޯދައިދިނުމުގެ ވަސީލަތެއްގެ ގޮތުގައި ކަންކަން އެނޫން ގޮތަކަށް އެނބުރި ގެންދާން "އަޅުގަނޑުމެން ބޭނުމެއް ނުވާ" ކަމަށެވެ.


"ކުންފުނިތަކާއި އިދާރާތަކާއި މުއައްސަސާތަކަށް ސިޔާސީ ޕާޓީއެއްގައި ވަކި ގޮތަކަށް ހަރަކާތްތެރިވެފައި ތިބި މީހުން ލުމުގެ ސަބަބުން އެތަންތަން ބޮއްސުންލައި ހިދުމަތް ނުދެވޭ، މަސައްކަތް ނުކުރެވޭ ތަންތަނަށް ބަދަލުވެގެން ދާކަށެއް އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އިސްލާމީ ވަހުދަތު ގެއްލިގެންދާކަށެއް، އިސްލާމީ އަގީދާ ބަލިކަށިވެގެން ދާކަށެއް އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ.  މުޖުތަމައެއްގެ ގޮތުގައި އަޅުގަނޑުމެން ބަލައިގެންފައިވާ އިޖްތިމާއި އަގުތައް، ރީތި އަހުލާގު އާދަކާދަތައް ގެއްލިގެންދާކަށެއް އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ،"