ގއ. މާމެންދޫ ކައުންސިލްގެ ހަތަރު މެންބަރަކު ޕީޕީއެމްއަށް ސޮއިކޮށްފި އެވެ.

ޕީޕީއެމްގެ ސްޕޯކްސްޕާސަން އަހުމަދު މަހުލޫފް ވިދާޅުވީ ކައުންސިލަރުން ސޮއިކޮށްފައި ވަނީ ޔަގީން ޓީމްގެ ފަރާތުން އެރަށު ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރުމަށް މިރޭ 10:00 ގައި ބޭއްވި ހަފްލާއެއްގައި ކަމަށެވެ.

މިރޭ ޕީޕީއެމްއަށް ސޮއިކޮށްފައި ވަނީ މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަފީފާއި ނާއިބް ރައީސް ސައުދުﷲ ރަޝީދާއި ކައުންސިލް މެންބަރުން ކަމަށްވާ ޝިމާދު ރަޝީދާއި މުހައްމަދު ނާފިޒް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކައުންސިލްގެ ބާކީ ހުރި މެންބަރު އެ ޕާޓީއަށް ސޮއި ނުކުރެވުނީ ރަށުގައި ނޫޅުއްވާތީ ކަމަށާއި އޭނާ ވެސް ވަރަށް އަވަހަށް އެޕާޓީއަށް ސޮއިކުރައްވާނެ ކަމަށެވެ. އަދި ކައުންސިލަރުންގެ އިތުރުން މާމެންދޫގެ ގިނަ ބަޔަކު ވެސް މިރޭ އެޕާޓީއަށް ސޮއިކޮށްފައިވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

ޔަގީން ޓީމްގެ ފަރާތުން ގއ. އަތޮޅަށް ކުރަމުންގެންދާ ދަތުރުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.