08 Feb 2013, 22:36
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ހާދިސާއާއި ޖެހިގެން އައި ދުވަހު (ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު) ހިނގައި ދިޔަ ކަންތައްތަކާ ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީން މިއަދު ހިނގާލުމެއް ބާއްވައިފިއެވެ.
" ކަޅު ހިނގާލުން" މިނަމުގައި އެމްޑީޕީން މިއަދު ބޭއްވި ހިނގާލުމުގައި ގިނަ ބަޔަކު ބައިވެރި ވި އިރު ހިނގާލުމުގެ ބޮޑު ބައި ކުރިއަށް ދިޔައީ ސުލްހަވެރިކަމާ އެކުގައެވެ. ސަރުކާރާ ދެކޮޅު ޝިއާރުތައް ފާޅުކުރަމުން އުސް ފަސްގަނޑާ ހިސާބުން ފެށި އެހިނގާލުން ލޯކަލް މާރުކޭޓް ސަރަހައްދާ ހަމައަށް ކުރިއަށް ދިޔައީ ސުލްހަވެރިކަމާ އެކުގައި ކަން ފާހަގަ ކުރެވުނެވެ.
ނަމަވެސް ލޯކަލް މާރުކޭޓް ސަރަހައްދަށް ދިޔަ އިރު އެސަރަހައްދަށް މީހުން ވަނަ ނުދިނުމަށް ފުލުހުން އަޅާފައިވާ ފުރަތަމަ ކޯޑަން މުޒާހަރާގެ ބައިވެރިން ފަޅާލިއެވެ. ފުލުހުންގެ ފުރަތަމަ ސަފު ފޫއަޅުވާލާފައި ހިނގާލުމުގެ ބައިވެރިން ވަތް ނަމަވެސް އެ ސަފު ފޫއަޅުވާލާފައި އޭގެ ދިޔަ މީހުން ހުއްޓުވުމަށް ފުލުހުން މިއަދު މަސައްކަތެއް ނުކުރެއެވެ.
އޭގެ ފަހުން ދެވަނައަށް އޮތް ފުލުހުންގެ ސަފު ވެސް ފޫއަޅުވާލާފައި، ޖުމްހޫރީ މައިދާނާ ދިމާއަށް ހިނގާލުމުގެ ބައިވެރިން ކުރިއަށް ދިޔައެވެ. ނަމަވެސް ޖުމްހޫރީ މައިދާނާ އެންމެ ކައިރިއަށް އޮތް ފުލުހުންގެ ސަފުގެ ތެރެއިން ވަންނަން މަސައްކަތް ނުކޮށް، ހިނގާލުމުގެ ބައިވެރިން އެހެން ގޯޅިތަކުން ދަތުރުކޮށް، އަލުން އެކުވީ މަޖީދީ މަގުންނެވެ.
އުސް ފަސްގަނޑާ ހިމާއަށް ނިންމާލި އެހިނގާލުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި އެޕާޓީގެ އިސް ގިނަ ފަރާތްތަކެއްގެ އިތުރުން ގިނަ އަދަދެއްގެ އާއްމު މެމްބަރުން ބައިވެރި ވިއެވެ.
ފުލުހުން ބުނީ މިއަދު އެމްޑީޕީން ބޭއްވި ހިނގާލުމުގައި ހަތަރު ފުލުހަކަށް އަނިޔާ ވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ބުނީ ފުލުހުން ބަންދުކޮށްފައިވާ ބައެއް ސަރަހައްދުތަކަށް، ބެރިކޭޑްތައް ފަޅާލައިގެން ވަތް ކަމަށެވެ. އޭގެ އިތުރުން ނަސްރުގެ ބިނާގެ ކައިރީގައި ވާ ޗޭނުތަކަށް ވެސް ގެއްލުން ދިން ކަމަށް ފުލުހުން ބުންޏެވެ.
އަދި ބުނީ މުޒާހަރާގެ ވީޑިއޯތައް ބަލައި، އެމައްސަލަތައް ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށާއި ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.
މިއަދު އެހާދިސާތައް ހިނގި އިރު ހިނގާލުމުގެ ބައިވެރިންގެ ތެރެއިން އެކަކު ވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.
މުޒާހަރާތަކާއި ހިނގާލުންތަކުގައި ބައިވެރިވާ މީހުން ގާނޫނާ ހިލާފު ނުވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.