ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގެ ގެކޮޅު ކަމަށްވާ ހ. ރަބީއީމަންޒިލް ގެއަށްވަދެ ފުލުހުން އެގޭގެ ހުރުމަތް ކަނޑާލާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ޚަބަރުތައް ފުލުހުން ދޮގުކޮށްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ އިއްޔެ ހަވީރު 3:55 އެހައިކަންހާއިރު އަބްދުﷲ ޝާހިދުގެ ގެއަށް ދިޔައީ ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން ގުޅިގެން ބަލަމުންދާ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރުމަށް ކަމަށެވެ.

ނަވާޒު ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމަށް ފުލުހުން އެގެއަށް ދިޔައީ ހައްޔަރު ކުރުމުގެ ކޯޓު އަމުރެއް ހިފައިގެން ކަމަށެވެ. އަދި އެގެއަށް ގޮސް އެގޭގެ ކާރު ގަރާޖުގައި ހުރި މީހަކާ ވާހަކަދެއްކުމުން ހައްޔަރުކުރަން އުޅޭ މީހާ ގޭގައި ހުރިކަމަށް ބުނުމުން އޭނާގެ ހުއްދައާ އެކު އެގެއަށް ފުލުހުން ވަދެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރި ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުން އެގެއިން ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ މުހައްމަދު ޝާހިދު އެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހިންގާފައިވާ 24 މިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ކަން ވެސް ސަން އަށް ވަނީ އެނގިފަ އެވެ.

ނަވާޒު ވިދާޅުވީ އޭނާ ހައްޔަރު ކުރުމުން ފުލުހުންނާ އެކު ދިޔުމުގެ ކުރިން ބައްޕައާ ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނުމުން އޭނާގެ ބައްޕަ ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން އޭނާ ގެންގޮސް އެފުރުސަތު އޭނާއަށް ދިން ކަމަށެވެ. އަދި އޭގެ ފަހުން އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ގޮސް ކޮންމެހެން ގެންދަންޖެހޭ އޭނާގެ ތަކެއްޗާ އެކު ދެން ގެންދިޔައީ ޕޮލިސް ކަސްޓޯޑިއަލް އަށް ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

އޭނާއަށް ބިރުދެއްކުމުގެ ގޮތުން ފުލުހުން މަސައްކަތް ކޮށްފައިވާކަމަށް ބުނެ ރައްޔިތުންނާއި ފުލުހުންނާ ދެމެދު ނަފްރަތު އުފެދޭގޮތަށް ރާއްޖޭގެ ބައެއް މީޑިއާތަކާއި ބައިނަލް އަގުވާމީ މީޑިއާތަކުންވެސް ދޮގު ޚަބަރު ފަތުރާފައިވާ ކަމަށާއި އެއީ އެއްވެސްގޮތަކަށް ބޭރުގެ މީޑިއާތަކަށް ފޮނުވަންޖެހޭ ޚަބަރެއް ނޫންކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.