ޕާމް ބީޗް ރިސޯޓުގެ ގުދަނުގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ފާދިއްޕޮޅުގައި އޮންނަ ޕާމް ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ރިސޯޓުގެ ސްޓޯރ ރޫމުގައި އަލިފާން ރޯވެގެން އަދަމުން ދާ ކަމަށް އެ ރިސޯޓުން ފުލުހުންނަށާއި ސިފައިންނަށް މައުލޫމާތު ދީފައި ވަނީ 17:40 ހާއިރުއެވެ.

ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންގެ ޓީމަކާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ ފަޔަރމަނުން ވަނީ 18:55 ހާއިރު އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށައިފައި ކަމަށް އެ ދެ މުއައްސަސާއިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި ގުދަނުގައި ހުރީ ވަރަށް ބޮޑަށް ރޯވެފައެވެ. އަދި ޕާމް ބީޗް ރިސޯޓުގެ ގުދަނުގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް 21:00 ހާއިރު އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާގެ ސަބަބުން ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމާއި މިއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް އަދި ވެސް ސާފެއް ނުވެއެވެ.