08 Feb 2013, 16:10
ސަރުކާރަށް ކާމިޔާބެއް ލިބިއްޖެ ނަމަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމު) އިން އެކަމުގެ މެޑެލް ޖަހާ ކަމަށާއި ފާޑުކިއުމެއް އަމާޒުވާ ނަމަ ބަރީއަވާ ކަމަށް ބުނެ، ޑީއާރުޕީން ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރޭ އެ ޕާޓީގެ ޖަލްސާގައި ދެއްކެވި ވާހަކަ ފުޅަށް ފާޑު ވިދާޅުވެ، ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ ސަރުކާރަށް ކާމިޔާބު ލިބިއްޖެ ނަމަ ޕީޕީއެމް މެޑަލް ޖަހާތަން ފެންނަ ކަމަށާއި އެހެން ނަމަވެސް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމުގައި އެ ޕާޓީން ޝާމިލް ނުވާ ކަމަށެވެ.
"ސަރުކާރަށް ކާމިޔާބު ލިބިއްޖެއްޔާ، އެއީ ތިމަންނާމެން، ސަރުކާރު ދަމަހައްޓަން ވަނީ ތިމަންނާމެން، އެކަމަކު ސަރުކާރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބެންޏާ އޭގައި ޝާމިލެއް ނުވޭ. ސަރުކާރަށް ރީތި ނަމެއް ލިބެންޏާ މެޑެލް ޖަހާތަން ފެނޭ،" ޑރ. މައުސޫމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ނުވަތަ ސަރުކާރެއް ރަނގަޅަށް މަސައްކަތް ކުރުމަށް އެންމެ މުހިއްމީ ބަޖެޓް ކަމަށާއި ސަރުކާރުން ހުށައެޅި ބަޖެޓުން ދެ ބިލިޔަން ރުފީޔާ ކަނޑާލީ ވެސް ޕީޕީއެމްއާއި އެމްޑީޕީ ގުޅިގެން ކަމަށެވެ. އެހެންވީމާ އެކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ފާޑު ކިއުން އެއީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ޑރ. މައުސޫމު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ ސާފު މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެ ކޮމިޓީގައި ހިމެނޭ ޕީއޭ (ޕީޕަލްސް އެލަޔަންސް)ގެ ހިއްސާ ދޫކޮށްލުމުން ކަމަށެވެ. އަދި ވިދާޅުވީ ޕީއޭގެ ކުރީގެ ޕާލެމެންޓްރީ ލީޑަރު (އަބުދުﷲ ޔާމީނު) މިހާރު ހުންނެވީ ޕީޕީއެމްގައި ކަމަށާއި އެހެންވީމާ އެ ކޮމިޓީގެ މެޖޯރިޓީ އެމްޑީޕީ އަށް ދީފައި އެވަނީ ވެސް ޕީޕީއެމުން އެގޮތް ބޭނުން ވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޑރ. މައުސޫމު އަދި ވިދާޅުވީ ޕީޕީއެމުން މިހާރު އެވަނީ ސަރުކާރަށް ދަތިވާނެ ދެކަމެއް ކޮށްފައި ކަމަށާއި އެގޮތަށް ކަންތައް ކޮށްފައި ދެން ސަރުކާރަށް ފާޑުކިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"މިދެންނެވި ބަޖެޓް އިޝޫއާ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ މެޖޯރިޓީ އެމްޑީޕީ އަށް ދިނުމާއި މި ހަމަ ސަރުކާރަށް ދަތިވާނެ ދެކަންތައް. އެ ދެކަންތައް އެ އޮތީ ޕީޕީއެމުން އިސްވެ ކުރައްވާފައި. ޕީޕީއެމްގެ ބައިވެރިވުމާ އެކު ކުރައްވާފައި. ދެން އެކަން ކުރައްވާފައި ސަރުކާރުގެ ޕާފޯމެންސާ ދޭތެރޭ އެއްޗެހި ބުނީމާ ކަންބޮޑުވޭ،" ޑރ. މައުސޫމު ވިދާޅުވި އެވެ.
ޑރ. މައުސޫމު ވިދާޅުވީ ޑީއާރުޕީއަކުން ވެސް ސަރުކާރުގެ ހުރިހާ ކަމަކަށް ތަރުހީބެއް ނުދޭ ކަމަށާއި އެހެން ނަމަވެސް ތަރުހީބު ނުދޭ ކަންތައްތައް ވާނީ (ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް) ދަންނަވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ދެން އަންނަ ރިޔާސީ އިންތިހާބެއް އަންނަންދެން ޑީއާރުޕީން މަސައްކަތް ކުރާނީ ސަރުކާރު ދަމަހައްޓަން ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ސަރުކާރާ އެއްކޮށް، ރައްޔިތުންނަށް ދެވެން އޮތް ވަރަކަށް މި އަހަރު ވެސް ހިދުމަތް ދީފައި ޑީއާރުޕީގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އުފާފާގަތިކަން ލިބޭ ގޮތަށް މަސައްކަތް ކުރަން އަޒުމް ކަނޑައަޅައިގެން،" ޑރ. މައުސޫމު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިތާ އެއް އަހަރު ފުރުން ފާހަގަކުރަން ކާނިވާ ސަރަހައްދުގައި ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީން ވަނީ ކަންކަން ރަނގަޅުކޮށްދިނުމަށް ރައީސް ޑރ. ވަހީދަށް ގޮވާލައްވައިފަ އެވެ.
"އަޅުގަނޑަށް ފެނިގެން ދަނީ، ހަމަ ހިތާމައާ އެކު މި ދަންނަވަނީ މި ފެންނީ މި ސަރުކާރު ފެއިލްވަމުން އަންނަތަން. މުވައްސަސާތައް މި އޮތީ ނުކުޅެދިފައި." ޔާމިން ވިދާޅުވި އެވެ.