08 Feb 2013, 14:28
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ވަގުތެއްގައި އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ޓެރަރަރިޒަމްގެ ދައުވާ އުފުލައިފައިވާ މީހުންގެ ޝަރީއަތް ކުރެވެން އޮތީ އެކަމަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް ލިބިގެންކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފައިވާ އިރު އެ މައްސަލަތަކުގެ ޝަރީއަތް ކުރެވެން އޮތީ އެ ދެ ރަށަށް ކޯޓުން ގޮސްގެން ކަމަށެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުން ފިޔަވައި އެހެން އެންމެންގެ ޝަރީއަތް ހެކިބަސް ނެގުމާ ހަމައަށް ގޮސްފައިވާ އިރު ހެކިބަސް ނެގެން އޮތީ އައްޑޫ ސިޓީ އަށް ކޯޓުން ގޮސްގެން ކަމަށެވެ. އަދި ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 89 މީހުންގެ ޝަރީއަތް ފެށެން އޮތީ އެ ރަށަށް ގޮސްގެން ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތައް ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެދިފައިވާނެ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން މަސައްކަތް ކުރީ ދައުވާ ލިބޭ ހުރިހާ މީހުންގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ނިޔަލަށް ނިންމުމަށް ކަމަށާއި ނަމަވެސް ޑިޕާޓްމަންޓްގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ލިބިފައި ނުވާތީ އެކަން ކުރެވިފައި ނުވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ހުޅުޖެހި މައްސަލަތަކުގެ ޝަރީއަތް ކުރުމަށް ހޯދަން ޖެހޭ ވަސީލަތްތަކާއި އަދި ދަތުރު ޚަރަދަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެ ކަމަށެވެ. އެހެންކަމުން އެ ފައިސާ ހަމަޖައްސައިދިނުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް އެ ބަޖެޓް ހަމަޖައްސާފައި ނުވާ ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ ޑިޕާޓްމަންޓުން އެދިފައިވާ ފަދައިން ހުޅުޖެހި މައްސަލަތަކުގެ ޝަރީއަތް ކުރުމަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްފަހު ފެށޭ ހަފްތާގެ ތެރޭގައި ޑިޕާޓްމަންޓާ ހަވާލުކުރައްވާނެ ކަމަށެވެ.
ބަޖެޓްގައި އެކަމަށް ޚަރަދު ކުރާނެ ފައިސާ އެބަހުރިތޯ ދެންނެވުމުން ޖިހާދު ވިދާޅުވީ ކޮންޓެންޖެންސީ ބަޖެޓްގެ ތެރެއިން އެ ފައިސާ ހަމަޖެއްސޭނެ ކަމަށެވެ.
އައްޑޫ ސިޓީގައި ހުރި ދައުލަތުގެ އިމާރާތްތަކުގެ ތެރެއިން ހުޅުޖަހައި އަންދާލި ތަންތަނުގެ ތެރޭގައި ގަން ޕޮލިސް ސްޓޭޝަނާއި ފޭދޫ މެޖިސްޓްރޭޓް ކޯޓާއި ހިތަދޫ މެޖިސްޓްރޭޓް ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހުޅުދޫ މެޖިސްޓްރޭޓް ކޯޓާއި ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލާއި ޕޮލިސް އެކަމޮޑޭޝަން ބްލޮކްގެ އިތުރުން އެ ސިޓީގައި ހުންނަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިދާރާ ވެސް ހިމެނެ އެވެ. އަދި މީގެ އިތުން އެރަށު މީހަކު ހިންގާ ކޭފޭ އަކާއި ޕޮލިސް ސްޓޭޝަންތަކުގައި ބޭނުންކުރަމުން ދިޔަ ހުރިހާ ވެހިކަލްތަކުގައި ވެސް ވަނީ ހުޅުޖަހައި އަންދާލާފަ އެވެ.
ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގެ ތެރެއިން ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެތާގައި ބޭނުންކުރަމުން ދިޔަ ހުރިހާ ވެހިކަލްތަކުގައި ހުޅުޖަހައި ވަނީ އަންދާލައިފަ އެވެ.