08 Feb 2013, 13:34
ދާކާ (ފެބްރުއަރީ 8): މީހުން ތޮއްޖެހިފައިވާ ބަންގްލަދޭޝްގެ ފެރީއެއް އެގައުމުގެ މެދުތެރޭގައިވާ މިގްނާ ކޯރަށް ބަންޑުންޖަހާލުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އަނެއްބައި މީހުން ގެއްލިފައިވާކަން އެގައުމުގެ ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބުނާ ގޮތުން އެފެރީ ބަންޑުންޖަހާލާފައި ވަނީ ބަންގްލަދޭޝްގެ މެދުތެރޭގައިވާ މޮޝިގަންގް ސަރަހައްދުގަ އެވެ. އެމް ވީ ސަރޯޝް ނަމަކަށްކިޔާ އެފެރީ ދަތުރުކުރަމުން ދިޔައީ ވެރިރަށް ދާކާ އިން ފުރައިގެން އެގައުމުގެ އިރުދެކުނުގެ ޝާންދުޕޫރު ސަރަޙައްދަށެވެ. މިގްނާކޯރަކީ ދާކާ ގެ ކައިރީގައިވާ ކޯރެކެވެ. ބަންގްލަދޭޝްގެ ފުލުހުންގެ އިނިސްޕެކްޓަރެއް ކަމަށްވާ ޖަހާންގީރު ޙުސައިން ވިދާޅުވި ގޮތުގައި ގެއްލިފައިވާކަން މިހާތަނަށް އެނގިފައި ވަނީ 50 އާއި 60 އާ ދެމެދުގެ ޢަދަދެއްގެ މީހުންނެވެ. މީގެތެރެއިން ބައެއް މީހުންގެ މަރުވެފައިވާ ހަށިތައް ފެންނަމުންދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފެރީ ބަންޑުންޖަހާލުމާ އެކު ބައެއްމީހުން ފަތާފައި ކޯރުގެ އައްސޭރިއަށް އައިސްފައިވާ ކަމަށާއި ނަމަވެސް މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެރީ ބަންޑުން ޖަހާލި މޮޝިގަން ސަރަޙައްދުގެ އިސްވެރިއެއް ކަމަށްވާ ސައިފުއްދީން ބައްދާލް ވިދާޅުވި ގޮތުގައ ފެރީ ބަންޑުން ޖަހާލި ކަމަށްބެލެވެނީ އޭގެ ކެޕޭސިއަށް ވުރެ މީހުން ގިނައިން ދަތުރުކުރުމާ އެކު އެންމެން އެއްފަހަރާ ފެރީގެ އެއްފަރާތަކަށް ޖެހިލުމުގެ ސަބަބުން އަރިއަޅާލައިގެން ކަމަށް ބެލެވޭ ކަމުގަ އެވެ. ބަންގްލަދޭޝްގައި ފެރީ ބަންޑުންޖަހާލުމަކީ ޢާންމުކޮށް ހިނގަމުންދާ ކަމެކެވެ. މިކަން ހިނގަމުންދަނީ ފެރީތަކުގެ ފެންވަރު ދަށްވުމާއި ޖާގަ އަށްވުރެ ގިނައިން މީހުން އެރުވުމާއި ސަލާމަތީ ކަންކަން ދޯދިޔާ ވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ އަހަރުގެ މާޗް މަހުވެސް މެގްނާ ކޯރަށް ފެރީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން 147 މީހަކު މަރުވެފައިވެ އެވެ. އަދި 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޯރުގަންގާ ކޯރަށް ފެރީއެއް ބަންޑުންޖަހާލުމުގެ ސަބަބުން 149 މީހަކު މަރުވެފައިވެ އެވެ. ބަންގްލަދޭޝް އަކީ ކޯރުތަކުގެ ނެޓްވާކެއް އެގައުމުގެ ތެރޭގައި އޮންނަ ގައުމެކެވެ. (ނޫސްއެޖެންސީތައް)