08 Feb 2013, 13:30
ޤާހިރާ (ފެބްރުއަރީ 8): މިސްރުގައި އިއްޔެ ނިމުނު އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓުން ސޫރިޔާގެ ސުލްޙައަށް ގޮވާލައި ފަލަސްތީނަށް އެހީދިނުމުގެ ނިޒާމެއް ޤާއިމް ކުރުމަށް ނިންމައި މާލީގެ ހަރުކަށި ހަނގުރާމަވެރިންނާ ދެކޮޅަށް އެގައުމުން ހިންގާ ޢަސްކަރީ ހަރަކާތްތަކަށް ތާއީދުކޮށްފި އެވެ.
މި ސަމިޓުން ނެރުނު ބަޔާނުގައި ސޫރިޔާގެ މައްސަލަ، ހަނގުރާމައާއި ތަޅާފޮޅުމުން ޙައްލުނުކުރެވޭނެކަން ހާމަކުރަމުން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ސުލްޙައިގެ ސީރިޔަސް ވާހަކަތަކެއް ފެށުމަށް ގޮވާލާފައިވެ އެވެ. މިގޮތުން ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތައް ގުޅިގެން ސޫރިޔާގައި ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ފަހު އިންތިޤާލީ މަރްޙަލާއެއް ޤާއިމްކޮށް ސޫރިޔާއަށް ދިމުޤްރާތީ އިސްލާޙްތައް ގެނައުމަށް ސަމިޓުން ގޮވާލާފައިވެ އެވެ.
ފަލަސްތީނުގެ މައްސަލާގައި ސަމިޓުން ނިންމާފައި ވަނީ ފަލަސްތީނަށް އިޤްތިސާދީ ގޮތުންނާއި މާލީގޮތުން އެހީދިނުމުގެ ނެޓްވާކެއް އިސްލާމީ ގައުމުތަކުގެ މެދުގައި ޤާއިމް ކުރުމަށެވެ. މީގެއިތުރުން ފަލަސްތީނުގެ ދައުލަތަށް މާލީގޮތުން އެހީވުމަށްޓަކައި ފަލަސްތީނަށް އެހީވުމުގެ ޚާއްސަ އިސްލާމީ އަދި ބައިނަލްއަޤްވާމީ މަހާސިންތާއެއް އިންތިޒާމް ކުރުމަށް ވެސް ސަމިޓުން ނިންމާފައިވެ އެވެ.
އިސްލާމީ ގައުމެއް ކަމަށްވާ މާލީ ގައި ހައްދުފަހަނަޅާފައިވާ ހަރުކަށި ޖަމާއަތްތަކުން ދީނުގެ ނަމުގައި ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ސަމިޓުން ކުށްވެރިކޮށްފައިވެ އެވެ. އަދި ހަނގުރާމަވެރިންނާ ދެކޮޅަށް މާލީ ސަރުކާރުން ހިންގަމުންގެންދާ ޢަސްކަރީ ޙަރަކާތްތަކަށް އިސްލާމީ ގައުމުތަކުގެ ލީޑަރުން ތާއީދުކުރައްވާފައިވެ އެވެ. ނަމަވެސް މާލީ ސަރުކާރުގެ އެދުމުގެ މަތިން އެގައުމުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ފަރަންސޭސި ސިފައިން މާލީ ގައި ހިންގަމުންގެންދާ ޢަސްކަރީ ޙަރަކާތްތަކަށް ސީދާގޮތެއްގައި ތާއީދުކޮށްފައެއް ނުވެ އެވެ.
މާލީގެ މައްސަލާގައި ސަމިޓުގެ ބަޔާންބުނެފައި ވަނީ މާލީގެ މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓުމަށާއި އެގައުމުގެ ހުރިހާ ބިންތަކެއް އަލުން އަނބުރައި ހޯދުމަށް އެގައުމުގެ ސަރުކާރުން ކުރަމުންގެންދާ ހުރިހާ ޙަރަކާތްތަކަށް އިސްލާމީ ގައުމުތަކުން ތާއީދުކުރާ ކަމުގަ އެވެ. އަދި އަލްޤާއިދާއާ ގުޅިފައިވާ ކަމަށް ތުހުމަތު ކުރެވޭ މާލީގެ ހަރުކަށި ހަނގުރާމަވެރިން ދީނުގެ ނަމުގައި ކުށެއްނެތް މީހުން މަރައި ގައުމުގައި ބިރުވެރިކަން އުފައްދައި ތާރީޚީ ތަރިކަތަކާއި އާސާރީ ތަންތަން ހަލާކުކުރުމަށް ހިންގަމުން ގެންދާ ޢަމަލުތަކަކީ ބިމުގައި ހިންގާ ފަސާދައިގެ ޢަމަލުތަކެއް ކަމަށް ވެސް އިސްލާމީ ސަމިޓުން ސިފަކޮށްފައިވެ އެވެ. ސަމިޓުގެ ބަޔާނުގައި މާލީގެ ހަނގުރާމަވެރިން ސިފަކޮށްފައި ވަނީ ޓެރަރިސްޓުންގެ ގޮތުގަ އެވެ.
ދެ ދުވަހުގެ މުއްދަތަށް ޤާހިރާގައި ކުރިޔަށްދިޔަ އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި އޮގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގައި ހިމެނޭ އިސްލާމީ 57 ގައުމުގެ ތެރޭން 27 ގައުމެއްގެ އެންމެ އިސްވެރިންނާއި އެހެން ގައުމުތަކުން ވެސް ބޮޑުވަޒީރުން ނޫނީ ނައިބު ރައީސުން ފެންވަރުގެ ބޭފުޅުންނާއި ވަފްދުތައް ބައިވެރިވެވަޑައިގެންފައިވެ އެވެ. (އަލްޖަޒީރާ)