08 Feb 2013, 13:24
މީހުން މަރާ ކުށްވެރިންނަށް މަރުގެ އަދަބުދޭ އުސޫލުން، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް ވެސް މަރުގެ އަދަބު ދިނުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބުނާ ޒާހިރު ހުސައިން ގޮވާލައްވައިފި އެވެ.
ބާރުގަދަ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ "އެލްއެސްޑީ"ގެ ފޭކު ޑްރަގު ރާއްޖޭގައި ދައުރުވަމުންދާ ކަމަށް އަޑުފެތުރިފައި ވަނިކޮށް ލުބުނާ ރޭ ވިދާޅުވީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި މީހުން މަރާ ކުށްވެރިންނަކީ އެއްފަންތިއެއްގެ ކުށްތަކެއް ކުރާ ބައެއް ކަމަށެވެ. އަދި އެ ދެ ބާވަތުގެ ކުށް ކުރާ މީހުންގެ އަދަބަކީ މަރަށް މަރު ހިފުން ކަމުގައި ހަދަންޖެހޭ ކަމަށް ލުބުނާ ވިދާޅުވި އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވެން އޮތް ހަމައެކަނި މަގަކީ މަސްތުވާތެކެތި އެތެރެ ކުރާ މީހުން މެރުން ކަމުގައި ލުބުނާ ވިދާޅުވި އެވެ.
"މަސްތުވާތަކެތި ރާއްޖެ އަށް އެތެރެ ކުރުން ހުއްޓުވެން އޮތް ގޮތަކީ އެ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރަން ފައްޓަންވީ. މަސްތުވާތަކެތި އެތެރެ ކުރުމަކީ މީކީ ވެސް ވަކި ދަށު ފަންތީގެ ކަމެއް ނޫން. މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރާ މީހުންނާއި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ މިކަމަށް އޮތް އެއް ހައްލު،" ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ލުބުނާ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރުމަށް ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އިޝާރާތް ކުރައްވައި ލުބުނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުތައް ފާސްވެގެންދާ އިރު މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް ދެވޭ އެންމެ ބޮޑު އަދަބުގެ ގޮތުގައި މަރުގެ އަދަބު ހިމެނުމަށް އެދޭ ކަށެވެ.
ި
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުން މެރުމަށް ލުބުނާ ގޮވާލައްވާފައިވާ އިރު، މި ސަރަހައްދުގެ ސިންގަޕޫރާއި ޗައިނާގެ އިތުރުން ވިއެޓްނާމްގައި ދަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކަށް މަރުގެ އަދަބު ދެމުން ގެންދެ އެވެ. މި ތިން ގައުމު ހިމެނޭ ގޮތައް އެފަދަ ކުށްތަކުގައި ދުނިޔޭގެ 16 ގައުމެއްގައި ދަނީ މަރުގެ އަދަބު ދެމުންގެންދެ އެވެ.