ސިޔާސީ ޕާޓީއަކީ ކޯއްޗެއް ކަމާއި ޒިންމާދާރު ކުރުވުމަކީ ކޮބައި ކަމާއި އެތެރޭގައި އޮންނަންވީ ނިޒާމުތަކަކީ ކޮބައިކަން ޑީއާރުޕީއަށް ދަސްކޮށްދިނުމަށް ގާބިލް ޓީމެއް ފޮނުވުމަށް މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މާރިޔާ އަހްމަދު ދީދީއަށް ގޮވާލައްވައިފި އެވެ.


ބުރާސްފަތި ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނުފޫޒުގަދަ މެންބަރެއް ކަމުގައިވާ އާދަމް މަނިކު ވިދާޅުވީ އެމްޑީޕީ އޮތީ ޑީއާރުޕީގެ އިންޓާނަލް ޑިމޮކްރަސީ ތަރައްގީކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ. އަދި ތިރީސް އަހަރުގެ "ހުދުހުމުހުތާރު ވެރިކަމެއް" ވައްޓާލަން، އެމްޑީޕީ ނުކުތީ ގައުމުގައި އެކަހަލަ އެއް ޕާޓީގެ ނިޒާމު އޮންނަ ވެރިކަމެއް އުފެއްދުމަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބަދަލުގައި ސަރުކާރު ފުނޑައިލުމަށް އިދިކޮޅު ޕާޓީން މަސައްކަތް ކުރާތީ އަޅުގަނޑުމެން މިއަދު މިދަތުރު ކުރަނީ އެކަހަލަ ދިމާލަކަށް ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.


ޑީއާރުޕީގެ ތެރޭގައި ބައިބައިވުން އުފެދި އެ ޕާޓީ ރޫޅެމުންދާކަން ފާހަގަ ކުރައްވައި، އާދަމް މަނިކު ވިދާޅުވީ، ޑީއާރުޕީ ނަގަހައްޓަން އެމްޑީޕީގެ ތެރޭގައި މިހާރު ވިސްނަންވެއްޖެ ކަމަށާއި އެހެންނޫނީ، ކުރިއަށްއޮތް ތާނގައި ޕްލޫރަލިޓީއެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި ޑީއާރުޕީ ތެރޭގައި އޮތީ ޕާޓީގެ ވެރިކަމާ މެދު އުފެދުނު މައްސަލަތަކާއި ކޯޅުންތަކުގެ މައްސަލަތައް ކަމަށާއި މިއީ އެމްޑީޕީގެ ތެރޭގައި އޮންނަ ކަމެއްނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިދިޔަ ދެތިން ހަފްތާގެ ތެރޭގައި އެމްޑީޕީގެ ތެރޭގައި ހުޅުވިފައިވާ އިންތިހާބުތަކެއް ބާއްވާފައިވާ އިރު އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށާއި ކޮންގްރެސްއަކަށް ތައްޔާރު ވަމުންދާއިރު ވެސް އެތެރޭގެ އިންތިހާބު ބާއްވަން އެމްޑީޕީ ބިރު ނުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.


މިޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާ ޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ޑީއާރުޕީއަށް ޑިމޮކްރަސީ ދަސްކޮށްދިނުމަށް ކިތަންމެ ބޮޑު ޓީމެއް ނުވަތަ ވަފްދެއް ފޮނުވިއަސް އެކަންވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.  އެން މެބޮޑު ސަބަބަކީ ޕާޓީ ނިޒާމު ގަބޫލު ނުކުރާ ބައެއްގެ މައްޗަށް ޕާޓީގެ ބިންގާ އެޅިފައިވުން ކަމަށާއި ޑީއާރުޕީ އުފެއްދީ ޕާޓީ ނިޒާމް ގަބޫލުކޮށްގެން ނޫން ކަމަށާއި އެހެން ގޮތެއް ނެތިގެން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.


މާރިޔާ އަދި ވިދާޅުވީ، އެމްޑީޕީގެ އިންޓާނަލް ޑިމޮކްރެސީގެ ފުރިހަމަ ކަމުގެ ވާހަކަ ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ، ވިލި މާފަންނު ދާއިރާގެ އަހްމަދު ނިހާނު ހުސެއިން މަނިކާއި އިނގުރައިދޫ ދާއިރާގެ ހަމްދޫން އަބުދުﷲ ހަމީދު އޭނާ އަރިހުގައި ދެއްކެވި ކަމަށާއި އެ ޕާޓީ އަށް ޑިމޮކްރެސީ ދަސްކޮށްދިނުމަށް ޓީމެއް ފޮނުވައި ދިނުމަށް ވެސް އެދިވަޑައިގަތް ކަމަށެވެ.


މާރިޔާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެމްޑީޕީ އަށް ވެއްދުމަށް އޭނާ މަސައްކަތްފަށާ ކޮންމެ ފަހަރަކު، ޑީއާރުޕީ އޮތަ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އޭނާ އަރިހުގައި އެދިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގައި ޕޮލިޓީކަލް ޕްލޫރަލިޒަމް، ނުވަތަ ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަން އޮތުމަށް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޑީއާރުޕީ އޮތުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވާ ކަމަށެވެ.


އެމްޑީޕީގެ ކޮމެންޓާ މެދު ދެކިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ދެންނެވުމުން ޑީއާރުޕީގެ ނާއިބު ލީޑަރު އިބްރާހިމް ޝަރީފު މިއަދު ވިދާޅުވީ ޑީއާރުޕީއަށް ވުރެ މާ ގިނަ މަގާމުތަކެއް އެމްޑީޕީގައި އޭނާ އަދާކުރައްވާފައިވާނެ ކަމަށާއި އެމްޑީޕީގެ އެތެރެ ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވާ ކަމަށެވެ.


އޭނާ ވިދާޅުވީ ދެ ޕާޓީގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ލިބިފައިވާ ތަޖުރިބާ އަށް ބަލާއިރު، އެމްޑީޕީ ތަމްސީލްވެގެން ދަނީ ވަންމޭން ޝޯއެއްގެ ގޮތުގައި ކަމަށެވެ. އަދި އެމްޑީޕީގައި ވޯޓުނަގައި ވޯޓު ގުނައި ވޯޓުގެ ހިސާބު ހަދާނީ އެއްބައެއް ކަމަށާއި ގައުމީ މަޖިލީހުގައި ވެސް ރައީސް ނަޝީދު ބޭނުންފުޅުވާ ވާހަކަތައް ދައްކަނީ، އެހެން މީހެއްކަމަށާއި އެ މީހުންނަކީ ރައީސް ނަޝީދު މުސާރަ ދެއްވައިގެން ގެންގުޅުއްވާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭނާ އެމްޑީޕީގެ ހުދުމުހުތާރުކަމުގެ ވާހަކަ ވިދާޅުވަނީ، މީހަކު ބުނި ބުނުމަކަށް ނޫން ކަމަށާއި އެކަން ލޮލުންދެކި އަތުންހިފައި އެކަމުގެ ހިތިރަހަ ކަރުބުޑުގައިލީ މީހެއްގެގޮތުން ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އަދި ފައިސާގެ ނުފޫޒު ފޯރުވުމާއި ބިރުދެއްކުން އިންތިހާއަށް އެމްޑީޕީތެރޭގައި ހިމެނޭކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. ނަމަވެސް ޑީއާރުޕީއަކީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ރައްޔިތުން ނިންމާ ނިންމުތަކާ އެއްގޮތަށް ކަންތައް ކުރިއަށްގެންދާ ޕާޓީއެއް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.