08 Feb 2013, 11:41
ގއ. ވިލިނގިއްޔާ ދިމާ ބޭރުގައި ބަންޑުން ޖަހާލާފައި އޮތް މަސްބޯޓެއް ފެނިއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ގއ. ވިލިނގިއްޔާ ދިމާ ބޭރުން ވާރެހާ ކަނޑުގެ ގާތްގަނޑަކަށް 43 މޭލް ބޭރުން، ސްރީލަންކާގެ މަސްބޯޓެއް ވައްތަރު ޖަހާ ބޯޓެއް ބަންޑުން ޖަހާލާފައި އޮއްވައި ފެނުން ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ބޯޓް ފެނުނީ ގއ. ކަނޑުހުޅުދޫން މަސްވެރި ކަމަށް ނުކުމެ އުޅުނު ސީހޯސް ނަމަކަށް ކިޔާ ދޯންޏެއްގެ މީހުންނަށް ކަމަށާއި އެ ދޯނީގައި ކަފުޖަހައިގެން ބޯޓް މިހާރު ގއ. ކޫއްޑޫ ކައިރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ދޯނީގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނީ ބޯޓްގައި މީހަކު ފެންނަން ނެތް ކަމަށެވެ.
ބަންޑުން ޖަހާލާފައި އޮއްވާ ފެނުނީ ކޮން ގައުމެއްގެ، ކިހާ ބޮޑު މިނެއްގެ ބޯޓެއް ކަމެއް އަދި ނޭނގެ އެވެ.