08 Feb 2013, 11:22
ތ. ކަނޑޫދޫ ކައިރީގައި އޮންނަ ފަރަކަށް އަރާފައިވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ތޫރި ބޯޓް ރޭ ފުންކޮށްފި އެވެ.
އެސްޓީއޯއިން ބުނީ ބޯޓް ފުންކުރެވިފައި ވަނީ ރޭ ދަންވަރު 12:10 ހާއިރު ކަމަށާއި ފުންކުރި އިރު ބޯޓަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
"ގާތްގަނޑަކަށް ތިން ދުވަހުގެ މަސައްކަތުން ބޯޓް މި ފުންކުރެވުނީ، އެއީ އަޅުގަނޑުމެން ބޭނުން ކުރި ޓަގަށް ވެސް މައްސަލަތަކެއް ދިމާވެގެން، ބޯޓަށް ގެއްލުމެއް ލިބިފައެއް ނެތް، ފަރަށް ވެސް ގެއްލުމެއް ނުވޭ،" އެސްޓީއޯގެ ޑިރެކްޓަރު އިބުރާހިމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން ނަމަވެސް ފަރަށް ގެއްލުމެއް ލިބިފައިވާކަން ނުވަތަ ނުވާކަން އަދި ބަދަލެއް ދޭން ޖެހޭ ކަން ނުވަތަ ނޫންކަން ނިންމާނީ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަމަށެވެ. އަދި ވިދާޅުވީ ބޯޓް ފަރަށް އެރިކަން އެނގުމާ އެކީ ކަމާ ބެހޭ ފަރާތްތައް ކަމަށްވާ ޓްރާންސްޕޯޓް އޮތޯރިޓީ އާއި އީޕީއޭއަށް އެކަން އަންގަވާފައި ވާނެ ކަމަށާއި ފުން ކުރުމުގެ މަސައްކަތް ކުރީ ވެސް އެ ފަރާތްތަކާ ކޯޑިނޭޓް ކޮށްގެން ކަމަށެވެ.
އެސްޓީއޯއިން ތ. އަތޮޅަށް ހިލަ އާއި ހިލަވެލި އުފުލުމަށް ބޭނުންކުރަމުން އަންނަ ތޫރި ބޯޓަކީ 100 ފޫޓް ދިގުމިނުގެ ދަނގަޑު ބޯޓެކެވެ. އެބޯޓް ފަރަން އަރަން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.