މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ފަރާތުން މިރޭ ނ. އަތޮޅު ކެނދިކުޅުދޫގައި ބާއްވާ ޖަލްސާ އަކީ ވަރަށް ޚާއްސަ ޖަލްސާއެއް ކަމަށާއި އެ ޖަލްސާގައި ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކުރީ ރޭ އެމްޑީއޭ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ މިރޭ ނ. އަތޮޅުގައި އެ ޕާޓީން ބާއްވާ ޖަލްސާ އޮންނާނީ ކެނދިކުޅުދޫ ބަނދަރު ސަރަހައްދުގައި ކަަމަށެވެ.

އޭނާ ވިދާޅުވީ އެ ޖަސްލާގައި ޕާޓީގެ ލީޑަރާއި ކައުންސިލްގެ ބޭފުޅުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ބޭފުޅުންގެ އިތުރުން ނ. އަތޮޅުގެ ހުރިހާ ރަށަކުން ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ޖަލްސާތައް ބާއްވަމުން ގެންދަނީ އެ ޕާޓީ އަށް މެޖޯރިޓީ ލިބިފައިވާ ރަށް ރަށުގައި ކަމަށެވެ.

"އަޅުގަނޑުމެން މިރޭގެ ޖަލްސާ ބާއްވަނީ ކެނދިކުޅުދޫ ބަނދަރު ސަރަހައްދު ޒީނަތްތެރި ކޮށްގެން. ހަގީގަތުގައި އަޅުގަނޑުމެން ޖަލްސާތައް މި ބާއްވަނީ ޕާޓީ އަށް މެޖޯރިޓީ ލިބޭ ރަށްރަށުގައި. އެ ރަށް ރަށުގައި ޕާޓީގެ އޮފީސްތައް ވެސް ގާއިމު ކުރަމުން މި ގެންދަނީ. މިރޭގެ ޖަލްސާގައި މުޅި އަތޮޅުން ވަރަށް ގިނަ މީހުން ބައިވެރިވާނެ. ޕާޓީގެ ލީޑަރާއި ކައުންސިލްގެ ބޭފުޅުން ވެސް ބައިވެރިވާނެ،" މައުރޫފް ވިދާޅުވި އެވެ.

އެމްޑީއޭ އާ ގިނަ ބަޔަކު ގުޅެމުން އަންނަ ކަން ފާހަގަ ކުރައްވާ މައުރޫފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ ޕާޓީ އާ ގިނަބަޔަކު ގުޅެމުންދާތީ ވަރަށް ބޮޑަށް އެ ފަރާތްތަކަށް ޝުކުރުވެރިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނ. ހެނބަދޫގައި ވެސް އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުވަތަ އެ ދުވަހުގެ ހަވީރު ޚާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އަދި އެ އަތޮޅު ފޮށްދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީއޭ އަށް ލިބުމާ ގުޅިގެން އެ ރަށުގައި ވެސް ހޮނިހިރު ދުވަހު ޖަލްސާއެއް ބާއްވާނެ ކަމަށެވެ.