މިހާރު ފެންނަމުން ދަނީ މި ސަރުކާރު ފެއިލް ވަމުންދާތަން ކަމަށް ވިދާޅުވެ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ބަހުގެ "ހޫނު" ހަމަލާތަކެއް ދެއްވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިތާ އެއް އަހަރު ފުރުން ފާހަގަކުރަން ކާނިވާ ސަރަހައްދުގައި ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީން ވަނީ ކަންކަން ރަނގަޅުކޮށްދިނުމަށް ރައީސް ޑރ. ވަހީދަށް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑަށް ފެނިގެން ދަނީ، ހަމަ ހިތާމައާ އެކު މި ދަންނަވަނީ މި ފެންނީ މި ސަރުކާރު ފެއިލްވަމުން އަންނަތަން. މުވައްސަސާތައް މި އޮތީ ނުކުޅެދިފައި،" ޔާމިން ވިދާޅުވި އެވެ.


ޔާމިން ވިދާޅުވީ މަގުމަތީގެ ޖާރިމާތައް ހިންގުމާއި މީހުންގެ ހައްގުތަކަށް އަރައިގަތުން އަދިވެސް ހިނގަމުންދާ ކަމަށާއި ޕީޕީއެމް ބޭނުން ވަނީ އެމީހުން ތާއިދުކުރާ ސަރުކާރަކީ ތާހިރު ވެރިކަމެއް ކުރާ ސަރުކާރަކަށްވުން ކަމަށެވެ.

"މަގުމަތީގެ ޖަރީމާތައް އަދިވެސް ހިންގާ. އަދި އެހެން ހައްގުތަކަށް ވެސް އަރިގަނޭ. އަޅުގަނޑުމެން ބޭނުންވަނީ ތާހިރު، ކެރޭ، ސާބިތު ކަމާއެކު ވެރިކަން ކުރާ ސަރުކާރެއް އަޅުގަނޑުމެން ތާއިދުކުރާ ސަރުކާރެއްގެ ގޮތުގައި އޮންނަ ސަރުކާރަކަށް ވުން،" ޔާމިން ވިދާޅުވި އެވެ.

ރައީސް ނަޝީދު ސަރުކާރުގައި ކޮރަޕްޝަނުގެ މައްސަލަތައް ހުރިކަމަށް ބުނެ ވާހަކަ ދައްކަމުންދާ އިރު މިހާރު ފެންނަމުން ދަނީ ޕީޕީއެމް ވެސް ތާއިދުކޮށްގެން ތިބި ސަރުކާރުގެ އިސްބޭފުޅުންގެ ކޮރަޕްޝަނުގެ މައްސަލަތަކުގެ ވާހަކަ ކަމަށާއި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް މިހާރަށް ވުރެ ބޮޑަށް މި ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ޔާމިން ވަނީ ވިދާޅުވެފަ އެވެ.

"މި ދެ ދުވަހުގެ ނޫސްތަކުގެ ފަލަ ސުރުހީތައް ބައްލަވާލައްވާ. ދައުލަތުގައި ހިމެނޭ ބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލަތައް މިދަނީ. ކިހިނެތްތޯ ރައީސް ނަޝީދުގެ ސަރުކާރަށް އަޅުގަނޑުމެން ޖަވާބުދޭނީ. އޭރު ވިދާޅުވީ އޭރު ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ހުރި ވާހަކަ. މިއަދު މި ފެންމަތިވަނީ އަޅުގަނޑުމެން އެބަޔަކަށް ތާއިދުކުރާ ބައެއްގެ ކޮރަޕްޝަންގެ ވާހަކަތައް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމިން ވިދާޅުވި ގޮތުގައި ދައުލަތުގެ ތަނެއް ނުވަތަ މުދަލެއް ހޯދުމަށް ކޯޓު އަމުރެއް ހޯދަން ޖެހޭނެ އެވެ. އަދި އެ މޭރުމުން ދެއްކެވި ވާހަކަތެރެއިން ހުސްފަސްގަނޑު ހޯދުމަށް ކޯޓަށް ދާން ނުޖެހޭނެ ކަމަށް ވިދާޅުވެ ފުލުހުންގެ މަސައްކަތާ މެދު ވެސް ޔާމިން ވަނީ ފާޑު ވިދާޅުވެފަ އެވެ.

"އެކަމުން އެއާއެކުވެސް ފުލުހުން ޔަގީންކޮށްދޭން ޖެހޭ އާންމުގެ ސަލާމަތްތެރިކަން ރައްކާކޮށްދެވޭނެކަން. ފުލުހުން ކަށަވަރުކޮށްދޭން ޖެހޭ ގާނުނުތައް ތަންފީޒް ކުރާނެ ކަމުގެ. ގާނޫނެއް ތަންފީޒްކުރަން ކޯޓަށް ވަދެއްޖެއްޔާ ކޯޓުގައި ތިން މަރުހަލާއެއް ކަޑައްތުކުރަން ޖެހޭ ތިން އަހަރު ވަންދެނެއް އަޅުގަނޑުމެނަކަށް ނުތިބެވޭނެ އުސްފަސްގަނޑު ހުސްނުކޮށެއް،"

ހަމަ އެހެންމެ އޭނާ ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ވަރަށް ބޭރު ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ކަމަށާއި އެހެން ވަނީ ސަރުކާރުން އެ ފުރުސަތު ދެއްވާތީ ކަމަށް ވެސް ޔާމިން ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ހިތްހަމަ ޖެހޭ ވަރަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ ދާހިލީ ކަންކަމާ ބޭރުގެ ފަރާތްތަކުން އެބަ ބެހޭ. ބެހެން ސަރުކާރުން ޖާގަތައް އެބަ ދެއްވާ،"

ހަމަ އެހެންމެ ރައީސް ވަހީދު ޕާޓީއާ ގުޅުމަށް އެހެން ޕާޓީތަކަށް ގޮވާލަމުންދާތީ އެ ވާހަކަތަކަށް އިޝާރަތްކުރައްވައި ޔާމިން ވިދާޅުވީ އެ ޕާޓީގައި ވެސް ހުރީ ދޮރުތައް ހުޅުވިފައި ކަމަށާއި އެ ޕާޓީއަށް އައުމުގައި ވެސް އެއްވެސް މީހަކަށް ހުރަހެއް ނެތް ކަމަށެވެ.

"ރައީސް ވަހީދަށް ދަންނަވާލަން އޮތީ ކަން ކަން އިސްލާހް ކުރައްވާށޭ. އިސްލާހްގެ މަގަށް އަޅުއްވަށޭ. ކޯލިޝަނަކަށް ގޮވާލާއިރު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ އަޅުގަނޑުމެނަކީ ގާނޫނަށް ތަބާވާ ގާނޫނަށް އިހްތިރާމްކުރާ ބައެއް. ޕާޓީ އެބަ ޖެހޭ ގާނޫނީ ރަނގަޅު ޕާޓީއަކަށް ވާން. އެހެންވީމަ ތިމަންނަމެންގެ ދޮރުތައް ހުޅުވިފައި ހުރި ކަމަށް ވިދާޅުވި ނަމަވެސް އަޅުގަނޑު ދަންނަވާނީ އެއަށް ވުރެ ކުރިން ޕީޕީއެމްގެ ދޮރުތައްވަނީ ހުޅުވާލާފަ އޭ،"

މީގެ އިތުރުން އެކި ސަބަބުތަކާއި ހެދި ސަރުކާރު މިވަނީ ހުއްޓުމަކަށް އައިސްފައި ކަމަށާއި ދައުލަތުގެ ބަޖެޓް "ކޮށާލީ" ޕީޕީއެމް ކަމަށް ބުނެ ތިބެވެން ނޯންނާނެ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

"ސަރުކާރަށް ދަންނަވާކަން ބޭނުންވަނީ އެކި ސަބަބުތަކާ ހެދި ސަރުކާރުގެ ހިނގުން މި އޮތީ ހުއްޓުމަކަށް އައިސްފައޭ. އެހެން ނަހައްދަވާށޭ. އިންތިހާބާ ހަމައަށް ވަޑައިގަންވަން ދެން ދިވެހި ރައްޔިތުނަށް ބޭނުންވާ ކަންތައް ދިވެހި ރައްޔިތުނަށް ކޮށްދޭން އެބަ ޖެހޭ. ބަޖެޓް ކޮށާލިކަމުގެ ބަދުނާމު ޕީޕީއެމްގެ ބޮލުގައި މިކަން އެޅުވުމުން މި ކަމަކަށް ހައްލެއް ނާންނާނެ. ކަން ކުރަން ކުރިގެން ކަންކަން ކުރަންވާނީ. ސަރުކާރުގެ ތެރޭގައި މިހާރު ވެސް މި އޮތީ ކޮރަޕްޝަން،"