މާލެ އަތޮޅު ހެލެނގެލި ރިޒޯޓުން ބުދަދުވަހު ކިނބުލެއް ފެނިފައިވާ ކަމަށާއި އެ ކިނބޫ މިހާރު ހިފާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އެކިނބޫ އުޅޭ ކަމުގެ މައުލޫމާތު ފުލުހުން ދިނުމާ ގުޅިގެން އޭތި ހޯދައި، ހިފާފައި ވަނީ ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 1.15 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ އޮފިސަރަކު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހެލެނގެލި ރިޒޯޓުން ހިފާފައި ވަނީ ތިން ފޫޓްގެ ދިގުމިން ހުރި ކިނބުލެއް ކަމަށާ އޭތި މިހާރު އޮތީ ކޯސްޓްގާޑްގެ ސިފައިންގެ ބެލުމުގެ ދަށުގައި ވިލިނގިލީގައި ކަމަށެވެ.
އަދި ވިދާޅުވީ އޭތި މަރާނުލައި ބާއްވާފައި އޮތީ ކުޑަކުދިންގެ ބަގީޗާއަށް ހަދިޔާކުރުމަށް ކަމަށެވެ.
ސިފައިން ބަލަހައްޓަމުން އަންނަ ކުޑަކުދިންގެ ބަގީޗާގައި މިހާރު ވެސް ބޮޑު ކިނބުލެއް އެބަ އޮވެއެވެ. ރާއްޖޭގެ ސަރަހައްދުން މަދުމަދުން ކިނބޫ ފެނެއެވެ.