ރާއްޖޭގައި ހިނގާ އެންމެ ބޮޑެތި ކުށްތަކުން ފެށިގެން އެންމެ ކުދި ކުށްތައް ތަހުގީގު ކުރުމާއި ކުށްތައް މަދު ކުރުމަށް ޓަކައި ހިންގަން ޖެހޭ ހަރަކާތްތައް ހިންގުމުގެ ކުޅަދާނަ ކަމާއި ފުރިހަމަ ގާބިލުކަން ލިބިފައިވާ ބައެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

"ކުރައިމް ޕްރޮވެންޝަން ޕްލޭން 2013 " އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ ރާއްޖޭގައި ލާ އިންސާނީ ބޮޑެތި ކުށްތައް އިންތިހާ ދަރަޖައަށް ގިނަވެފައިވާ ކަމަށާއި އެފަދަ ބޮޑެތި ކުށްތައް ފުލުހުންނަށް ހުއްޓުވޭނީ ސަރުކާރާއި ރައްޔިތުންނާއި ޖަމްއިއްޔާ ޖަމާއަތްތަކާއި މިނިވަން މުއައްސަސާތަކުގެ އެއްބާރުލުން ފުރިހަމައަށް ލިބިގެން ކަމަށެވެ.

"ރާއްޖޭގައި ހިނގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ޓަކައި ފަރުދީ ފެންވަރުގައި ގައުމީ ފެންވަރުގައި މި ވަނީ ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރަން ޖެހިފައި. ގައުމުގައި އަމަން އަމާންކަން ގާއިމު ވެފައި އޮތުމަކީ ގައުމުގެ ކޮންމެ ފަރުދެއްގެ ވެސް އެދުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ ފުލުހުންނަކީ އެންމެ ކުދިކުދި ކުށްތަކުން ފެށިގެން އެންމެ ބޮޑެތި ކުށްތައް ތަހުގީގު ކުރުމުގެ ކުޅަދާނަކަމާއި ގާބިލުކަން ލިބިފައިވާ ފަދައިން ކުށްތައް މަދު ކުރުމުގެ ހަރަކާތްތައް ހިންގުމުގެ ކުޅަދާނަކަމާއި ގާބިލުކަން ވަރަށް ފުރިހަމައަށް ލިބިފައިވާ ބައެއް،" ކޮމިޝަނަރު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ރާއްޖެއިން މިއަދު ފެންނަމުންދާ މަންޒަރަކީ ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާތައް ފުލުހުނަށް ނުވަތަ ކަމާއި ބެހޭ މުއައްސަސާތަކަށް ހުށަހެޅުމުގެ ބަދަލުގައި އެފަދަ ކުށްތައް ފޮރުވުމަށް ބެލެނިވެރިން މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ. އޭގެ ނަތީޖާ އަކަށް ވެގެންދަނީ ކުށެއް ނެތް މައުސޫމް ކުޑަ ކުދިން ޖިންސީ ޝިކާރައަކަށް ވެގެންދާ ތަން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރާއްޖޭގައި ހިނގާ ބޮޑެތި ކުށްތައް ކުރުމުގައި ކުޑަކުދިންނާއި ޒުވާނުން އިންތިހާ ދަރަޖައަށް އިތުރު ވަމުން ދާ ކަމަށާއި އޭގެ އެއް ސަބަބަކީ އެ ކުދިން ކުރާ ކުށްތައް ފޮރުވަން މަސައްކަތް ކުރުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މަދުން ނަމަވެސް ފެންނަމުންދާ މަންޒަރަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތައް ފޮރުވުމަށް ބައެއް ބެލެނިވެރިން މަސައްކަތް ކުރާތަން، އޭގެ ނަތީޖާއެއްގެ ގޮތުން އެކުދިން ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެންދޭ. އަދި ޒުވާނުންނާއި ކުޑަ ކުދިން ކުރާ ކުށްތައް ފޮރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ. އޭގެ ނަތީޖާއަކަށް ވެގެން ދަނީ ރާއްޖޭގައި ކުރާ ބޮޑެތި ކުށްތައް އިތުރުވެގެން ދިއުން،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފުލުހުންގެ ބުރަ މަސައްކަތުން 2012 ވަނަ އަހަރަކީ ފުލުހުންގެ ތާރީހުގައި މަސްތުވާތަކެތީގެ މައްސަލަތައް ރިކޯޑް އަދަދަކަށް ހޯދިފައިވާ އަހަރެއް ކަމަށާއި އަދި އެ އަހަރު ތެރޭގައި ތަފާތު ބޮޑެތި ކުށްތައް ކުރާ ފަރާތްތައް ހޯދައި ދެނެގެނެވިފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ މިރޭ މި އިފްތިތާހު ކުރެވުނު ކްރައިމް ޕްރިވެންޝަން ޕްލޭންގެ ސަބަބުން ކުށް މަދު ކުރުމަށާއި އަދި ކުށްތައް ތަހުގީގު ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި މި އަހަރު ތެރޭގައި ރާއްޖޭގައި ކުށް މަދު ކުރުމަށް ސްކޫލް ކުދިންނަށާއި ބެލެނިވެރިންނަށާއި އަދި އެހެން ވެސް ފަރާތްތަކަށް ހާއްސަ ހަރަކާތްތަކެއް ހިންގާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި އަހަރު ބޭއްވޭ ރިޔާސީ އިންތިހާބަކީ މިނިވަން މުސްތަގިއްލު އަމާން އޮމާން އިންތިހާބަކަށް ހެދުމަށް ޓަކައި ފުލުހުންނަށް ލިބިފައިވާ ފުރިހަމަ އާރާއި ބާރުގެ ބޭނުން ކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.