ހައި ކޯޓުގެ އަމުރަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުސްފަސްގަނޑަށް، ފުލުހުންގެ ހުއްދައާ ނުލައި ވަންނަވަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި، އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އާމިނަތު ޝައުނާ އާއި މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީ މެންބަރު މުހައްމަދު ފަލާހު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ފަލާހު މިރޭ ސަން އަށް ވިދާޅުވީ އޭނާ އާއި ޝައުނާ ދޫކޮށްލީ މިއަދު 2:30ގައި ކޯޓަށް ހާޒިރު ކުރުމަށް ފަހު ކަމަށެވެ. އަދި ޝައުނާ ވިދާޅުވީ ފުލުހުން އެ ބޭފުޅުންގެ މުއްދަތު އިތުރު ކުރަން ހުށަހެޅި ކަމަށާއި ނަމަވެސް ފަނޑިޔާރު އެ ގޮތަށް ނުނިންމަވައި އެ ބޭފުޅުން ދޫކޮށްލެއްވީ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ބޭފުޅުންނާއި އަދި އެ ދުވަހު ހައްޔަރުކުރި އެކަކު ފިޔަވައި އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. އެކެއްގެ މުއްދަތު 10 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މުއްދަތު އިތުރު ކުރީ ކާކުގެ ކަމެއް ފުލުހުން ނުބުނެ އެވެ.

އުސްފަސްގަނޑަކީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ތަނެކެވެ. އެތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހައިކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެންނެވެ.

ހައިކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރުގައި ބުނަނީ ހައުސިން މިނިސްޓްރީއާ އުސްފަސްގަނޑު ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް މާލޭ ސިޓީ ކައުންސިލުން އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެ މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަން ދެން ފުލުހުންގެ ބެލުމުގެ ދަށުގައި އުސްފަސްގަނޑު ބޭއްވުމަށް އަމުރު ކުރާ ކަމަށެވެ.