07 Feb 2013, 22:06
ޖެހިޖެހިގެން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ބާސެލޯނާގެ ޒުވާން ފޯވާޑް ލިއޮނަލް މެސީ އޭނާ ބާސާއާ އެކުވެފައިވާ އެއްބަސްވުން 2018 ވަނަ އަހަރާ ހަމައަށް އިތުރު ކޮށްފި އެވެ.
ސްޕެއިންގެ ބާސެލޯނާއާ 2000 ވަނަ އަހަރު ގުޅުނު އާޖެންޓީނާގެ ހުނަރުވެރި ފޯވަޑް އެ ޓީމާ އެކު އެންމެ ފަހުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2016 ވަނަ އަހަރަށެވެ. އެހެން ނަމަވެސް މިއަދު ބާސާއާ އެކު އޭނާ ވެފައިވާ އެއްބަސްވުމާ އެކު 2018 ވަނަ އަހަރާ ހަމައަށް މެސީ ބާސާގައި މަޑު ކުރާނެ އެވެ.
ކާލޯސް ޕުޔޯލްއާއި ޒަވީގެ އިތުރުން މެސީ ވެގެން ގޮސްފައިވަނީ މި ސީޒަންގައި ޓީމާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރި ތިންވަނަ ކުޅުންތެރިޔާއަށެވެ. އުމުރުން 25 އަހަރުގެ މެސީއަށް ބާސާއިން މުސާރައިގެ ގޮތުގައި ހުރިހައި ޓެކްސްއެއް ކެނޑުމަށް ފަހު 11 މިލިޔަން ޔޫރޯ ލިބެ އެވެ.
މެސީގެ އާ ކޮންޓްރެކްޓްގެ ސަބަބުން އެހެން ކުލަބަކުން އޭނާ ގަންނަން ބޭނުން ނަމަ ބައި-އައުޓް ފީއެއްގެ ގޮތުގައި ބާސާއަށް 250 މިލިޔަން ޔޫރޯ މިހާރު ދައްކަން ޖެހޭނެ އެވެ.
މި ފަހަރުގެ ކޮންޓްރެކްޓަކީ މެސީ ބާސާއާ އެކު އެއްބަސްވުން އާކުރި ހަވަނަ ފަހަރެވެ. އަދި އޭނާ ބާސާގައި ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ތިންފަހަރު ޗެމްޕިއަންސް ލީގު ހޯދުމާއި، ފަސް ފަހަރު ސްޕެނިޝް ލީގު ހޯދުމުގެ އިތުރުން ގިނަ ޓްރޮފީތަކެއް ހޯދުމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.