ހަ ރަށެއްގައި ބޯފެން ހުސް ވާން ކައިރި ވެފައި ވާތީ ބޯ ފެން ފޯރު ކޮށް ދިނުމަށް އެދިފައި ވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން މިއަދު ބުނެފިއެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި އަދި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު، ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފެން ހުސް ވާން ކައިރި ވެގެން ރިޕޕޯޓް ކޮށްފައި ވަނީ ދ ކުޑަހުވަދޫ އާއި، ދ ބަނޑިދޫ އާއި، ލ ކުނަހަންދޫ އާއި، ބ ހިތާދޫ އާއި، ތ އޮމަދޫ އާއި، އަދި ތ ވިލިފުށި ކަމަށެވެ.

"ފެން ހުސް ވާން ކައިރި ވެގެން ނުވަތަ ފެނަށް ޖެހިގެން މި ރަށްރަށުން އެންގިތާ އަދި މާ ގިނަ ދުވަހެއް ނުވޭ. ފެނަށް ބޭނުން ވެގެން މި ހަ ރަށުން ރިޕޯޓް ކުރިތާ މިއަދަށް ވާނީ ތިން ދުވަސް. އަޅުގަނޑުމެން މިހާރު ވާނީ އެ ރަށްރަށަށް ފެން ފޯރު ކޮށް ދިނުމަށް ޓަކައި ބަޔަކު ހޯދުމަށް އިއުލާން ކޮށްފައި. އިއުލާނުގެ މުއްދަތު ހަމަ ވާނީ މި އަންނަ ހަފްތާގެ ބުދަ ދުވަހަށް. އެހެން ވީމާ ވަރަށް އަވަހަށް އެ ރަށްރަށަށް ފެން ފޯރު ކޮށް ދެވޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ،" މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޕޯޓް ކޮށް ފައިވާ އެއްވެސް ރަށަކުން މުޅިން ފެން ހުސް ވެފައި ނުވާ ކަމަށާއި އެހެން ނަމަވެސް އެ ރަށްރަށުގައި ފެން ހުރީ ވަރަށް މަދުން ކަމަށެވެ. އެގޮތުން ދ ބަނޑިދޫން ފެން ހުސް ވި ކަމަށް ރިޕޯޓް ކޮށްފައި ވަނީ ގޭގެއިން ބޯފެން ހުސް ވާތީ ކަމަށާއި ލ ކުނަހަންދޫން ފެން ހުސް ވި ކަމަށް ރިޕޯޓް ކޮށްފައި ވަނީ ރައްޔިތުންގެ ފެން ތާނގީތަކުން ފެން ހުސް ވަމުން ދާތީ ކަމަށެވެ. އަދި ހިތާދޫން ފެން ހުސް ވި ކަމަށް ރިޕޯޓް ކޮށްފައި ވަނީ ސަރުކާރާއި ރައްޔިތުންގެ ތާނގީތަކުން ފެން ހުސް ވަމުން ދާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެން ބޭނުން ވެގެން ރިޕޯޓް ކޮށްފައި ވާ ރަށްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުހައްމަދު ވިދާޅުވީ މި ރަށްތަކުން މީގެ ކުރިން ފެނަށް ޖެހިގެން ރިޕޯޓް ކޮށްފައި ނުވާ ކަމަށާއި އެހެން ނަމަވެސް މިފަހަރު މި ގޮތަށް ދިމާވާން ޖެހުނު މައިގަނޑު ސަބަބެއް ކަމަށް ގަބޫލު ކުރެވެނީ މޫސުމަށް އަންނަމުން ދާ ބަދަލުތަކާ ގުޅިގެން ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން ކަމަށެވެ.

ފެނަށް ޖެހިގެން ރިޕޯޓް ކޮށްފައި ވާ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ފެން ބޭނުން ވެގެން ރިޕޯޓް ކޮށްފައި ވަނީ ތ ވިލުފުށިން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ތ ވިލިފުށިން ހަތް ލައްކަ ހަތް ދިހަ ދެ ހާސް ލީޓަރުގެ ފެން ބޭނުން ވެގެން ރިޕޯޓް ކޮށްފައި ވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ. ދެން ހުރި ރަށްތަކުން ފެން ބޭނުން ވެގެން ރިޕޯޓް ކޮށްފައި ވަނީ ގާތްގަނޑަކަށް އެއް އަދަދަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިތުރަށް ވިދާޅުވީ ރަށްރަށުން ފެން ހުސްވުމުގެ އެއް މަސް ދުވަސް ކުރިން އަންގަން ޖެހޭނެ ކަމަށާއި އަދި ފެން ހުސްވުމުގެ ފަހުން ރިޕޯޓް ކުރުމުން ފެން ފޯރު ކޮށް ދިނުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެން ކަމުން ފެނަށް ޖެހުމުގެ ކުރިން ހުރިހައި ރަށަކުން ވެސް ރިޕޯޓް ކުރަމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެންނަށް މިފަހަރު ލިބިފައި ވަނީ ވަރަށް ކުޑަ ބަޖެޓެއް އެއީ 2.9 މިލިޔަން ރުފިޔާގެ ބަޖެޓެއް. އެހެން ކަމުން ވަގުތު އޮއްވައި ރިޕޯޓް ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް. " މުހައްމަދު ވިދާޅުވިއެވެ.