ފެބުރުވަރީ ހަތެއްގައި ވެރިކަން ބަދަލު ވުމާ ގުޅިގެން ރާއްޖޭގެ ފުލުންނާއި ސިފައިންނަކީ ބާގީން ކަމަށް ގޮވާ ހަޅޭއްލެވުމަށް ފަހު ވޯޓުލާ ދުވަސް ކައިރިވީމާ ރައީސް ނަޝީދު އެ މަސައްކަތް ކުރައްވަނީ އެ މީހުންގެ ރުހުން ހޯދަން ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސްޕޯކްްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވީ ފެބުރުވަރީ ހަތެއްގައި ރައީސް ނަޝީދު ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު ފުލުހުންނާއި ސިފައިން ގުޅިގެން ބަގާވާތަކުން ވެރިކަން ވައްޓާލީ ކަމަށް ބުނެ އެމީހުންނަށް ވަރަށް ބޮޑަށް ޖެއްސުން ކޮށް ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދުވަހަށް ފަހު ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ފުލުހުންނާއި ސިފައިންގެ އިތުރުން އެމީހުންގެ އާއިލާތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންދީ އަދި އަނިޔާ ވެސް ކޮށްފައި ވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އެކަން ބަދަލު ކުރާން ނަޝީދު ކިތަންމެ ވާހަކަފުޅެއް ދެއްކެވިޔަސް އެ ދުވަސް އެމީހުންގެ އާއިލާތަކުގެ ހަނދާނުން ވެސް ފިލައިގެން ނުދާނެ ކަމަށެވެ.

"ރައީސް ނަޝީދު އެ އުޅުއްވަނީ ވޯޓު ކައިރިވީމައި ފުލުހުންނާއި ސިފައިންގެ ރުހުން ހޯދަން. އެކަމަކު އިސްތިއުފާ ދެއްވާފައި ވިދާޅުވީ މިއީ ދިފާއީ ބާރުތަކުން ބިރު ދައްކައިގެން ގެނައި ބަގާވާތެކޭ. އެހެން ކިޔާފައި ތަނެއް ދޮރެއް ނުބަލައި އެދުވަހު ޗުއްޓީގައި ތިބި މީހުންނަށް ދާންދެން ބާގީންނަށް ހަދައިގެން އެމީހުންގެ އާއިލާތަކަށް ވެސް ދުނިޔޭގައި އުޅުމަށް އުނދަގޫ ކުރި. މިހާރު ބަގާވާތް ކުރީ އެންމެ ދެތިން ފުލުންނަށް ވެއްޖެ. އެކަމަކު އަޅުގަނޑު ދަންނަވާނީ މިހާރު ކޮންމެ އެއްޗެއް ކިޔަސް އެއިން މީހެއްގެ އާއިލާގައި ލައްވާލި މީހަކު ވެސް ނަޝީދަކަށް އެންމެ ވޯޓެއް ވެސް ނުދޭނެ. އެ އެންމެން ވެސް ވޯޓު ދޭނީ ޕީޕީއެމްގެ ކެންޑިޑޭޓަށް،" މަހްލޫފް ވިދާޅުވިއެވެ.

ޕީޕީއެމްއިން އެހެން ބުނުމާ ގުޅިގެން އެމްޑީޕީން ވަނީ އެ ކަން ދޮގު ކޮށްފައެވެ. އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ބަގާވާތް ކުރީ ހުރިހާ ފުލުހުންނާއި ސިފައިން ކަމަށް ބުނެފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ބަގާވާތް ކުރި މީހުންނަކީ އަބަދު ވެސް ބާގީން ކަމަށް އެ ޕާޓީން ބުނާނެ ކަމަށާއި، އެކަން މިހާރު ދިވެހި ރައްޔިތުންނަށް ވެސް އެނެގޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެއް އިރެއްގައި ވެސް ހުރިހާ ސިފައިންނާއި ފުލުހުންނަކީ ބާގީންނެކޭ ނުބުނަން. އޭގެ ތެރޭގައި ތިބޭނެ ގައުމީ ފުލުހުންނާއި ގައުމީ ސިފައިން. އަދި ބާގީ ފުލުހުންނާއި ބާގީ ސިފައިން. އެކަން ބަދަލެއް ނުކުރަން. ނުވެސް ކުރާނަން،" އިމްތިޔާޒު ވިދާޅުވި އެވެ.