07 Feb 2013, 21:10
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ)ގެ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ބަޖެޓުން 24 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލާގައި ޑީއެމްސީގެ ކުރީގެ ވެރިޔާ އަދި ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު ހަތަރުގެ މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.
ޚިޔާނާތުގެ ތުހުމަތުގައި ޝާހިދާ އެކު ހައްޔަރުކޮށްފައިވާ މއ. އެވަގްލޯރީ އަހްމަދު އާރިފް، 49، އާއި ބ. އޭދަފުށީ ދިގަލި މުހައްމަދު ވަހީދު، 53، އާއި ގދ. ހޯޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދު، 49 އާއި ހ. ރަބީއީމަންޒިލް މުހައްމަދު ޝާހިދު 53ގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ކްރިމިނަލް ކޯޓްގެ ކްރިމިނަލް ކޯޓްގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު ސަންއަށް ކަށަވަރުކޮށްދެއްވި އެވެ.
ޝާހިދުގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މިއަދުގެ ޝަރީއަތުގައި ޝާހިދާ ދެކޮޅަށް ތުހުމަތު ކުރާ މައްސަލާއިގެ އެއްވެސް ތަފުސީލެއް ފުލުހުން ދީފައި ނުވާ ކަމަށެވެ.
ޝާހިދުގެ އާއިލާއިން ބުނީ ޝާހިދު ހައްޔަރުކޮށްފައި ވަނީ އޭނާ ގޭގައި އިންނަވަނިކޮށް ކަމަށް ބުނެ، ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރަކީ ދޮގު ވާހަކައެއް ކަމަށެވެ. އަދި ޝާހިދު ހައްޔަރުކޮށްފައި ވަނީ އޭނާ މަގުމަތިން ހިންގަވާފައި ދަނިކޮށް ކަމަށް އާއިލާއިން ބުންޏެވެ.