އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުލަތުން ކޮށްފައިވާ ދައުވާ އަކީ މައްސަލަތަކުގައި ދައުވާ ކުރުމުގައި ޕްރޮސިކުޓާ ޖެނަރަލް (ޕީޖީ) އަމަލުކުރައްވާން ޖެހޭ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ދައުވާއެއް ކަމަށް ބުނެ އެމްޑީޕީން ޕީޖީއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައާ ބެހޭ ގޮތުން އެމްޑީޕީގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި އެ މައްސަލަ އަނބުރާ ގެންދިއުމުގެ އަމުރެއް ޕީޖީގެ މައްޗަށް ނެރެދިނުމަށް އެދިފައިވާނެ ކަމަށެވެ.

މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން މައްސަލަ ފޮނުވާފައިވަނީ 2008 ވަނަ އަހަރު ބަންޑާރަ ނައިބު ކަނޑައަޅުއްވައިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

"ގާނޫނު އަސާސީގެ 220 ވަނަ މާއްދާގައި ބުނެފައިވާ ޕްރޮސެކިއުޓާ ޖެނަރަލް އަމަލުކުރަންވާނެ އުސޫލަކީ ބަންޑާރަނައިބު ކަނޑައަޅުއްވާ ގައިޑްލައިން ނުވަތަ މިންގަޑެއް ތެރެއިން ކަމަށް ބުނެފައި އޮންނައިރު އެ މިންގަނޑުތެރެއިން ބޭރުން ނުނީވިއްޔާ އެ މިންގަނޑާ ހިލާފަށް މި މައްސަލައިގައި ދައުވާކޮށްފައިވާތީ ސިވިލް ކޯޓުގައި އަޅުގަނޑުމެން މި އެދެނީ މިކަން ކަމަށް ބައްލަވައި ދެއްވައި މައްސަލަ ކުރިއަށް ނުގެންދިއުމަށް ހުށަހަޅާ މައްސަލައެއް،" ހަސަން ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ނަގައި ދިނުމަށް އެދި ގިނަ މެންބަރުންތަކެއް ސޮއިކޮށް ޕްރޮސިކިއުޓާ ޖެނެރަލްއަށް ހުށަހަޅާފައެވެ.