07 Feb 2013, 18:20
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުޅުމާލެ ކޯޓުން ދީފައިވާ ހުއްދަ އަންނަ ހޮނިހިރު ދުވަހަށް އިތުރުކޮށްދީފި އެވެ. ރައީސް ނަޝީދު ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކުރިން ހުޅުމާލޭ ކޯޓުން ދިނީ މިއަދުގެ ނިޔަލަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމްގެ ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް މިއަދު ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނަޝީދަށް ދީފައިވާ ހުއްދަ އިތުރު ކޮށް ދިނީ މިއަދު ކޯޓުގައި އެދުމުން ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ މުއްދަތު އިތުކޮށްދިނުމަށް ހުޅުމާލޭ ކޯޓުގައި އެދިވަޑައި ގަތީ އިންޑިޔާގައި ނަޝީދު ކުރައްވަން ޖެހޭ ބައެއް ކަންކަން އަދި މުޅިން ނުނިމޭތީ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާ ލިބޭ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ވެސް ވަނީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގެންފައެވެ.
ކޯޓުން ބުނެފައިވަނީ މޫސާ އަލީ ޖަލީލް ހުއްދައަށް އެދިވަޑައިގަތީ މިދޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ހުޅުމާލޭ ކޯޓުގައި ބާއްވާ ޝަރީއަތެއް އަންނަ އާދީއްތަ ދުވަހު އޮންނާނެ އެވެ.