ސަލްޓަންޕާކް ތެރޭގައި ބޮން ގޮއްވާލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އަބްދުއްލަތީފް އިބްރާހިމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފި އެވެ.

ދެ ހާސް ހަތް ވަނަ އަހަރު، ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަންޕާކްގައި ބާރުގަދަ އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި ލ. ގަން ތުނޑި ލަވްސައިޑް ޢަބްދުއްލަޠީފް އިބްރާޙީމް، 30،ގެ މައްސަލަ ޕީޖީ އަށް ފޮނުވަނީ، ފުލުހުން މިއަދު ބުނި ގޮތުގައި، މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

އަބްދުއްލަތީފު ރާއްޖެ އިން ފުރައިގެން ދިޔައީ ނުބައި ނަމެއްގައި ސިސްޓަމަށް އެންޓާވެ، އިމިގްރޭޝަންގެ އޮފިސަރަކާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އޯގަސްޓް މަހު ޕާކިސްތާނުން ރާއްޖެ އަށް އައިތަނާ އެއާޕޯޓުންނެވެ.

ސަލްޓަންޕާކްގައި ބޮންގޮއްވާލަން ބޭނުން ކުރި ފޯނާ އަބުދުއްލަތީފާ ގުޅުން ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު މިއަދު ވިދާޅުވި އެވެ. އަދި އެކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާ އަބުދުއްލަތީފާ ގުޅުންވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ ތުހުމަތު ކުރާ 10 މީހަކު ވަނީ ރާއްޖެ އިން ފިލައިގެން ގޮސްފަ އެވެ. ނަމަވެސް އޭގެ ތެރެއިން ނުފެނި ވަނީ ފަސް މީހެކެވެ.