އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ވިހެއުމަށް ފަހު ވަޅުލާފައި އޮއްވައި ފުލުހުން ނެގި ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވިންދު ހުރި ކަމަށް ނަރުހުން ބުނެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ތުއްތު ކުއްޖާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމަފިރިންނަކީ މަރަދޫފޭދޫ ފިނިފެންމާގެ އިބްރާހިމް ވިޝާމް، 26، އާއި އަދި ހަމަ އެ ރަށު އައިމިނަތު ޝާހީ އާލާ 20، އެވެ. އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅު ވަޅުލި ކަމަށް އެމީހުން ވަނީ ތަހުގީގުގައި އިއުތިރާފްވެފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އުފަންވި ގޮތަށް ވަޅުލާފައި އޮއްވައި ފެނުނު ތުއްތުކުއްޖާގެ މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގެ ހެޑް ހަސަން ޝިފާއު މިއަދު ވިދާޅުވީ މަރަދޫފޭދޫގެ ހޭޅިފަށުގައި "އެއްޗެއް" ވަޅުލާފައިވާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭ 9:30 އެހާކަންހާއިރު ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ގޮސް ބެލި އިރު، ވިހެއުމަށް ފަހު ނުވަތަ އެބޯޓުކޮށްލުމަށްފަ ހު އޮތް ތުއްތު ކުއްޖަކު ޓީޝާޓެއްގެ ތެރެއަށްލާ ވަޅުލާފައި އޮތް ކަމަށެވެ. އަދި ވަގުތުން އެކުއްޖާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާގެ ހަށިގަނޑުގައި ވިންދު ހުރި ކަމަށް ތުއްތު ކުއްޖާއާ ފުރަތަމަ ހަވާލުވި ނަރުސް ބުނެފައިވާ ކަމަށެވެ. ނަމަވެސް ޑޮކްޓަރު ބެއްލެވި އިރު ކުއްޖާ ވަނީ މަރުވެފައި ކަމަށް ޝިފާއު ވިދާޅުވި އެވެ.

ބަރުދަނުގައި 22 ގްރާމް އަދި އިސްކޮޅުގައި ހަތް އިންޗި ހުރި ތުއްތު ކުއްޖާ އެބޯޓުކޮށްލާފައި ވަނީ ބަނޑަށް ފަސް މަހުގަ އެވެ.

ޝިފާއު ވިދާޅުވީ އަންހެން މީހާ ބަލިވެއިނދެ ބަނޑުގައިވާ ދަރިފުޅު ވައްޓާލުމަށް ބޭސް ބޭނުންކޮށްފައިވާ ކަމަށާއި އަދި ފިރިމީހާ ދަރިފުޅު ވަޅުލި ކަމަށް އިއުތިރާފް ވެފައިވާ ކަމަށެވެ. ވަޅުލާފައިވަނީ ދަރިފުޅު ވިހޭކަން ސިއްރު ކުރުމަށްޓަކައި ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އެ ދެމަފިރިންނަށް ލިބުނު ދަރިފުޅު ވަޅުލީ އެ ވަގުތު ކުއްޖަކު ބޭނުން ނުވާތީ ކަމަށް ތަހުގީގުގައި އެ މީހުން ބުނެފައިވާ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.