07 Feb 2013, 16:55
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންގެ އެޕްލިކޭޝަނާ ނުލައި އެ ބޭންކުން ދޫކުރާ ވިސާ ޑެބިޓް ކާޑް އާކޮށްދިނުމުގެ ހިދުމަތް ދޭން ފަށަައިފި އެވެ.
ބީއެމްއެލް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ކަސްޓަމަރުނަށް ލުއި ފަސޭހަ ހިދުމަތެއް ދިނުމުގެ ގޮތުން ބީއެމްއެލް އިން ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑްގެ ތެރެއިން އެޕްލިކޭޝަންއަކާ ނުލައި އާކޮށްދިނުމަށް ނިންމާފައި ވަނީ މުއްދަތު ހަމަވާ ކާޑްތައް ކަމަށާއި އަދި އެކާޑް އާކޮށްދެވޭނީ މުއްދަތު ހަމަވާ މަސް ތެރޭގައި ކަމަށެވެ. އަދި އާ ކާޑް ހަދައި ނިމުމުން ކަސްޓަމަރާ ގުޅައިގެން ކާޑް ހަވާލުކުރުމުގެ އިންތިޒާމް ބޭންކުން ހަމަޖައްސައި ދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ގައުމީ ބޭންކް އިން ބުނީ އެގޮތަށް ކާޑް އާކޮށްދެވޭނީ ކާޑްގެ މުއްދަތު ހަމަވުމުގެ ކުރިން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން މަދުވެގެން އެއް މުއާމަލާތް ކުރައްވާފައިވާ ކަސްޓަމަރުނަށް ކަމަށެވެ.
"މި ހިދުމަތް ހަމަޖެހިގެން ދިޔުމުން ވިސާ ޑެބިޓް ކާޑުގެ އެޕްލިކޭޝަން ފޯމް ހުށައެޅުމަށް ކިޔޫގައި މަޑު ކުރަން ނުޖެހި ފަސޭހަ ގޮތެއްގައި ކަސްޓަމްރުނަށް ވިސާ ޑެބިޓް ކާޑް ލިބިގެންދާނެ." ބީއެމްއެލް އިން ބުންޏެވެ.