07 Feb 2013, 16:48
ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމު މިމަހު 12 އަދި 14 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގެ ޓިކެޓް މި މަހު އެގާރަ ވަނަ ދުވަހު ވިއްކަން ފަށާގޮތަށް ހަމަޖައްސައިފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ގައުމީ ޓީމުގެ މެނޭޖަރު ސަލްސާ އިބްރާހިމް އާމިރު ވިދާޅުވީ އެކުވެރި ކަމުގެ މެޗު ބައްލަވާލެއްވުމަށް ދަނޑަށް ވަދެވަޑައިގަންނަވާ ފަރާތްތަކަށް ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ ދެ އަގެއްގައި ކަމަށެވެ.
"މިފަހަރު ޓިކެޓް ވިއްކުމަށް ހަމަޖެހިފައި މިވަނީ ދެ އަގެއްގައި. އެއީ ގޮނޑިބަރިން 35 ރުފިޔާ އަދި ސިޑިބަރިން 10 ރުފިޔާ. ޓިކެޓް ވިއްކަން އަދި ހަމަޖެހިފައި ވަނީ ގަލޮޅު ދަނޑުން،" އާމިރު ވިދާޅުވި އެވެ.
އާމިރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިއަހަރު ކުޅޭ ފުރަތަމަ މެޗު ބައްލަވާ ލެއްވުމަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ވަޑައިގެން ދެއްވުމަކީ ވަރަށް ބޮޑަށް އެދިވަޑައި ގަންނަވާ ކަމެއް ކަމަށެވެ. އަދި ކުޅިބައްލަވަން ވަޑައި ގަންނަވާ އިރު ގައުމީ ދިދަ އާއި ރަތްކުލައިގެ ހެދުމެއް ތުރުކުރަށްވައިގެން ވަޑައިގަތުމަކީ ވެސް އެދެވިގެންވާ ކަމެއް ކަމަށެވެ.