07 Feb 2013, 16:43
މިމަގެ 12 އަދި 14 ވަނަ ދުވަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމާ ދެމެދު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމުގެ ޕްރެކްޓިސް ގަލޮޅު ދަނޑުގައި ރޭ ފަށައިފި އެވެ.
ޕްރެކްޓިސް ފެށިއިރު ކެޕްޓަން ޢަލީ އަޝްފާގު (ދަގަނޑޭ) އަނިޔާގެ ސަބަބުން ޕްރެކްޓިސްގައި ބައިވެރި ވެފައެއް ނުވެ އެވެ. އަދި ގައުމީ ޓީމުގެ ތަޖުރިބާ ކާރު ފޯވަޑް އިބްރާހީމް ފަޒީލް (އޮއްޕޮ) ވެސް އަނިޔާގެ ސަބަބުން އެމެޗުގައި ނުކުޅެވޭނެ އެވެ.
ގައުމީ ޓީމުގެ މެނޭޖަރު ސަލްސާ އިބްރާހީމް އާމިރު ވިދާޅުވީ މިވަގުތު ރާއްޖެއިން ބޭރުގައި ހުރި އޮއްޕޮ ޓީމުން ބާކީ ކުރި ކަމުގައި ވީނަމަވެސް އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ނުނަގާ ކަމަށާއި އޭނާ އެކުވެރިކަމުގެ މެޗުގައި ނުކުޅެން ނިންމާފައިވަނީ ކޯޗުގެ ލަފަޔާވެސް އެކުގައި ކަމަށެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ ދަގަނޑޭ ވެސް މި ވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި ޕާކިސްތާނު މެޗުގައި ދަގަނޑޭ ކުޅޭނެކަން ނުވަތަ ނޫންކަން އެނގޭނީ އޭނާ އެނބުރި ރާއްޖެއައުމުން ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ.