މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަކީ އަންހެނުންގެ ހައްގުތަކަށް ވަރަށް ބޮޑު އިސްކަމެއް ދީގެން އުފެއްދި ޕާޓީ އެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް އަންހެނުންގެ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް އެ އެ ޕާޓިން ބުނެފި އެވެ.

އެމްޑީއޭގެ އޮފީހުގައި ރޭ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ ވިދާޅުވީ ރާއްޖޭގައި މިހާރު ކަންތައްތައް ހުރި ގޮތުން ތަރައްގީ އަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ވަރަށް ކުޑަ ކަމަށާއި އަންހެނުންގެ ދައުރު ބޮޑު ވެގެން ނޫނީ ރައްޖެ އަށް ދިމާވެފައި މިވާ އެއްވެސް މައްސަލައެއް ހައްލު ނުކުރެވޭނެ ކަމަށެވެ.

"އެމްޑީއޭ އުފެއްދީ ޚާއްސަކޮށް އަންހެން ބޭފުޅުންނަށް ވަރަށް ބޮޑު ޚާއްސަ ކަމެއް ދީގެން. މި ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލި އިރު ވަރަށް ބޮޑަށް ރިސާޗް ކުރެވުނު މިހާރު ދުނިޔޭގައި އެންމެ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ ގައުމުތަކުގައި އެކަންކަން ކުރާ ގޮތްތަކަށް. ޚާއްސަކޮށް ކޯފީ އަނާން މެން ކަހަލަ ބޭފުޅުން ވިދާޅުވެފައި އެބަހުރި އަންހެނުންނަށް ސީޓްސްތައް ރިޒާވު ކުރުމާއި މިކަހަލަ އެތައް ބައިވަރު ވާހަކަތަކެއް. އެ ކަންތައްތަކަކީ މީގެކުރިން ވެސް ރާއްޖޭގައި ކުރަން އުޅެ ނުވެފައި ހުރި ކަންތައްތަކެއް،" ރަފިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ އެފަދަ ކަންކަމަށް އިސްކަން ދިން ޕާޓީ އަކީ އެމްޑީއޭ ކަމަށާއި އެހެން ބޮޑެތި ޕާޓީތަކުން ވެސް މިހާރު އެކަން ބަލައިގެންފައިވާ ކަމަށެވެ.

އަތޮޅުތަކުގެ ސިއްހީ ދާއިރާ އަށް އަލި އަޅުއްވާ ލައްވައި އޭނާ ވިދާޅުވީ ވަރަށް ގިނަ ރަށް ރަށުގައި އަންހެނުންނަށް ޚާއްސަ ޑޮކްޓަރެއް ވެސް ނުހުންނަ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވެފައި ހުރި ސަބަބުތައް އެ ޕާޓީގެ ފަރާތުން ބަލައި އެކަންކަން ހައްލު ކޮށްދިނުމަށް ވަރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.