ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ7ގައި ބަދަލުވުމަށް ފަހު ރާއްޖޭގައި އުފެދިގެން އައި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރިފައިވާ އިރު ބޮޑެތި ކާމިޔާބީތަކެއް މިސަރުކާރުން ހޯދާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން މި ވޭތުވެ ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހާސިލްކޮށްފައިވާ ކުރިއެރުންތަކުގެ މައްޗަށް ބައްލަވާލައްވައި ތައްޔާރު ކޮށްފައިވާ ލީފްލެޓެއްގައި ބުނެފައިވާ ގޮތުގައި އިގްތިސާދީ ދާއިރާ އިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި އިންޑިއާގެ ޖީީއެމްއާރު ކުންފުނިން ހިންގަމުން ގެންދިޔަ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަނބުރާ ހޯދުމާއި އިއާދަކުރަނިވި ހަކަތަ ގާއިމް ކުރުމަށް ބޭރުގެ އެހީދޭ ފަރާތްތަކުން 131 މިލިއަން ޑޮލަރު ލިބޭނެ މަގު ފަހިކުރެއްވުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް 40 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޑިމޮކްރަސީއާއި ހެޔޮވެރިކަމާއި ގާނޫނީ އަމުރު ނެގެހެއްޓުމާއި އަމާން ވެށްޓެއް ގާއިމް ކުރުމާއި އިގުތިސާދީ ތަރައްގީއާއި ވަޒީފާގެ ފުރުސަތުތަކާއި ތައުލީމާއި އަދި ސިއްހަތުގެ ދާއިރާއިން އަޅާފައިވާ މުހިންމު ފިޔަވަޅުތަކާއި ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް ވެސް އެ ލީފްލެޓްގައި އަޅިއަޅުވާލައިފައިވެ އެވެ. އަދި ބޯހިޔާވަހިކަމާއި އުމްރާނީ ފަސޭހަތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތާއި ދަތުރުފަތުރުގެ ދާއިރާއިން ކޮށްފައިވާ މުހިންމު މަސައްކަތްތައް ވެސް ފާހަގަކޮށްފައިވެ އެވެ.

ސަރުކާރު ބަދަލުވުމާ ގުޅިގެން އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން މައިތިރިކޮށް، ގައުމުގައި އަމަންއަމާންކަން ގާއިމްކޮށް، ދެވަނަ ފުރުސަތުގެ ދަށުން މިނިވަންކުރި 437 ގައިދީންގެ ތެރެއިން ކުށުގެ މާހައުލުން ހައްޔަރު ކުރި 215 ގައިދީން އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށާއި މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެއްވެސް ގައިދީއަކު ދޫކޮށްފައިނުވާކަން ވެސް އެލީފްލެޓްގައި ފާހަގަކޮށްފައިވެ އެވެ.

މިވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީނާއި ކުދި ގައުމުތަކުގެ ދިފާއުގައި ފާޅުކަންބޮޑު ގޮތެއްގައި ބައިނަލްއަގުވާމީ މަސްރަޙުގައި ރާއްޖެއިން ވަކާލާތުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ސިޔާސީ މަގާމުތައް މަދުކޮށް މަހަކު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ މާލިއްޔަތުން ސަލާމަތް ކޮށް ސިވިލް ސާވިސްގެ ދައުރު ފުޅާކުރުމާއި ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން ސަރުކާރު ހިންގުން ހަރުދަނާ ކުރެއްވުމަށް ވެސް މަސައްކަތްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.