07 Feb 2013, 16:24
ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ މަކަރާއި ހީލަތުން މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް އަތުލި މައްސަލައިގެ ތަހުގީގު ނިންމައި އޭގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
އޭނާ ވިދާޅުވީ 126 މީހެއްގެ އަތުން އަށް މިލިއަނަށް ވުރެ ގިނަ ފައިސާ އިސްމާއީލް އަބްދުއްލަތީފް ނަގާފައިވާއިރު އެފައިސާ އެކި ބޭނުންތަކަށް އޭނާ ބޭނުންކޮށްފައިވާ ކަމަށެވެ. އެގޮތުން އެފައިސާ ބޭނުންކޮށްފައި ވަނީ 2011 ވަނަ އަހަރު ހައްޖަށް މީހުން ގެންދިޔުމަށް އެ ޖަމާއަތުން ކުރި މަސައްކަތަށާއި ލަންކާ މަގުން މިދިޔަ އަހަރު މީހުން ހައްޖަށް ގެންދިޔުމަށް ކޯޓާ ހޯދުމުގެ އިތުރުން އަމިއްލަ ބޭނުންތަކަށް ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ.
މަލީޝާ ޖަމާއަތަކީ ލޯކްލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ތަނެއްކަމަށާއި އެތަން ރަޖިސްޓްރީ ކޮށްފައި ވަނީ އިސްމާއީލް އަބްދުއްލަތީފްގެ ނަންމަތީގައި ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ. އަދި އޭނާ ފިޔަވައި އިތުރު މީހެއްގެ ހިއްސާ އެތަނުގައި ނޯންނަ ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ.
ޝަތީހު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އާންމު ފަރާތަކުން ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ މަލީޝާ ޖަމާއަތާ ގުޅޭގޮތެއް ނުވެ ހައްޖަށް ދެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތިގެން ކަމަށެވެ.
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަލީޝާ އިން އޮޅުވާލުމުން ހައްޖަށް ނުދެވި ތިބި ހުރިހާ މީހުން މި އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.