07 Feb 2013, 16:10
ދިވެހިރާއްޖެއަށް އެކިއެކި ދާއިރާތަކުން ދޭންޖެހޭ އެހީތެރިކަން ދިނުމުގައި އަރަބި ގައުމުތަކުން މިހާރަކަށް އައިސް ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމަށާއި އެކަމަށް މާފަށް އެދޭކަމަށް ގަތަރު ޗެރިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރު ފޯ ޖެނެރަލް އެފެއާޒް ޢަލީ ބިން ރާޝިދު އަލްމުހައްނަދީ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެން އުޅުއްވާ ގަތަރު ޗެމްބާ އޮފް ކޮމާސް (ކިއުސީސީ)ގެ ވަފުދުގައި ހިމެނި ވަޑައިގަންނަވާ، ގަތަރުގެ އެންމެ ބޮޑު އެއް ޗެރިޓީ އޯގަނައިޒޭޝަން ކަމުގައިވާ ގަތަރު ޗެރިޓީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޢަލީ ބިން ރާޝިދު އަލްމުހައްނަދީ ވިދާޅުވީ އަރަބި ގައުމުތަކުގެ ކާބަފައިން ވަނީ ކުރީ ޒަމާނުގައި ރާއްޖެއަށް އެކި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
"ކުރީގައި އަޅުގަނޑުމެން އަރަބިކަރައިގެ ވިޔަފާރިވެރިންނާއި އަޅުގަނޑުމެންގެ ކާބަފައިން ވަނީ ރާއްޖެއަށް އެކި ގޮތްގޮތުން ވަރަށް ބޮޑަށް އެހީތެރިވެ ދެއްވާފައި. އަޅުގަނޑު ވަރަށްބޮޑަށް މައާފަށް އެދެން ދިވެހިރާއްޖޭގެ ރައްޔިތުންގެ ކިބައިން. އަޅުގަނޑުމެން މިހާރު މިވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ދިވެހިރާއްޖެއަށް އެހީތެރިކަން ދިނުމުގައި. އެކަމަކު މިހާރު އަޅުގަނޑުމެން މިވަނީ އާ ސަފްހާއެއް ފަށާފައި ދިވެހިރާއްޖެއަށް އެހީތެރިކަން ދިނުމަށް،" ޢަލީ ބިން ރާޝިދު އަލްމުހައްނަދީ ވިދާޅުވި އެވެ.
އޭގެ އިތުރުން އެވަފުދުގައި ހިމެނި ވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވެސް ފާހަގަ ކުރެއްވި ގޮތުގައި ދިވެހިރާއްޖެއަކީ ވަރަށް ރަނގަޅު ރިވެތި އަހްލާގެއްގެ ވެރި މުސްލިމު ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއް ކަމަށެވެ. އެހެންކަމުން އެރިވެތި އަހްލާގު އަބަދުވެސް ހިފެހެއްޓުމަށާއި އިސްލާމް ދީން ހިމާޔަތް ކުރުމަށް އެބޭފުޅުން އެދި ވަޑައިގަތެވެ.
އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ މަގުމަތިން ސަލާންޖަހަން އަތްދިއްކޮށްގެން ތިބޭ މީހުން ނުފެންނަ ކަމީ، ރާއްޖޭގެ ރައްޔިތުންނަކީ ޢިއްޒަތުއްނަފްސް ހިމާޔަތްކުރާ، ހުލުގު ރަނގަޅު ބަޔަކު އުޅޭ ތަނެއްކަން އަންގައިދޭ ހެތްކެއް ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.
އަދި ވަފުފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ނިސްބަތް ވެވަޑައިގަންނަވާ ގައުމާއި އަދި ގަލްފުގެ ހުރިހާ ގައުމުތަކުގެ ސަރުކާރާއި، ޖަމާއަތްތަކާއި އަދި ވިޔާފާރިވެރިންގެ ކިބައިން ރާއްޖެ ތަރައްގީކުރުމަށާއި ތައުލީމީގޮތުންނާއި، ދީނީ، އިޖްތިމާއި، އަދި އިންސާނީ ގޮތުން ބޭނުންވާ އެކިއެކި އެހީތައް ހޯދައި ދިނުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.
މި ވަފުދުގައި ހިމެނި ވަޑައިގަންނަވަނީ ބަހުރައިން، ކުވައިތު، ގަތަރު އަދި ސައުދީއަރަބިއްޔާގެ އެކިއެކި ޗެރިޓީ އޯގަނައިޒޭޝަންތަކާއި ޔުނިވާސިޓީތަކުގެ އިސް ބޭފުޅުންނެވެ.
އިއްޔެ ރާއްޖެ ވަޑައިގެން އުޅުއްވާ ކިއުސީސީގެ ވަފުދުގެ ބޭފުޅުން ވަނީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށާއި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވެސް ޒިޔާރަތް ކޮށް އެތަނުގައި ތިބިމީހުންނާއި ކުދިންގެ ހާލުބައްލަވައި އެތަންތަނަށް ބޭނުންވާނޭ އެހީތަކާ ބެހޭގޮތުން އެތަންތަނުގެ ވެރިންނާ މަޝްވަރާ ކޮށްފަ އެވެ.
އެގޮތުން އެހީއަށް ބޭނުންވާ އެފަދަ ތަންތަނަށް ބޭނުންވާ އެހީގެ ޕްރޮޕޯސަލްއެއް ތައްޔާރުކޮށް ވީ އެންމެ އަވަހަކަށް އެފަރާތްތަކަށް ފޮނުވައިދިނުމަށް އެދިވަޑައިގެންފައި ވާނޭކަމަށްވެސް އެބޭފުޅުން ވިދާޅުވި އެވެ. އަދި އެތަންތަނުގެ ހާލަތު ފެނުމުން ވަރަށްބޮޑަށް ދެރަވި ކަމަށްވެސް އެބޭފުޅުން ވިދާޅުވި އެވެ.
އެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގަތަރުގެ އެންމެ ބޮޑު ޗެރިޓީ އޯގަނައިޒޭޝަން ރަފްގެ ޗެއާމަން އޮފް ދަ ބޯޑް އޮފް ޓްރަސްޓީސް އަދި ޖެނެރަލް މެނޭޖަރު ޢައިޒް ދިބްސާން އަލްޤަހްތާނީ ވިދާޅުވީ އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ ގޮތުން ރާއްޖެއަށް ބޭނުންވާ އެކިއެކި އިންސާނީ، އިޖްތިމާއީ އަދި ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެބޭފުޅުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އަދި އެބޭފުޅުންގެ މެސެޖް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނޫސްވެރިންގެ ކިބައި އެދިވަޑައިގަތެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިހް މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ވިދާޅުވީ، މިއަދަކީ ޒަމާން ތަކަކަށްފަހު ރާއްޖެއަށް ވަރަށް ބޮޑު އުފަލެއް ލިބުނު ދުވަހެއް ކަމަށެވެ.
"މިއަދުގެ މިބައްދަލުވުމަކީ ވަރަށް އުފާވެރި ބައްދަލުވުމެއް. ދިވެހިރާއްޖެއަށް ފަހުގެ ވަގުތެއްގައި މިފަދަ އިސް ބޭފުޅުން ހިމެނި ވަޑައިގަންނަވާ، އަދި ގިނަ ގައުމުތަކެއް ޝަމިލްވެގެން ވަޑައިގަންނަވާ ވަފްދެއް، ވަރަށް ޒަމާންވެއްޖެ ރާއްޖެއަށް ޒިޔާރަތް ނުކުރާތާ،" ޝަހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މިހާރު ވަޑައިގެން އުޅުއްވާ ވަފުދުގެ ބޭފުޅުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ކުޑަކުދިންގެ ހިޔާއާއި، ހާއްސަ އެހީއަށްބޭނުންވާ މީހުންގެ މަރުކަޒާއި، އިސްލާމިކް މިނިސްޓްރީގެ ދާއިރާ އާއި، ކުއްލިއްޔާ އާއި ޢަރަބިއްޔާ ސްކޫލް ހިމެނޭ ކަމަށެވެ.
އަދި ޢިޖްތިމާއީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ރާއްޖެއްއަށް އެހީތެރިކަން ފޯރުކޮށްދޭނޭ ދާއިރާތައް ބައްލަވައި އެދާއިރާތަކުން ރާއްޖެއަށް ގިނަގުނަ އެހީތެރިކަމެއް ވެދެއްވުމަށް އެފަރާތްތަކުން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއަށް މި ބޭފުޅުންގެ އެހީތެރިކަން ލިބޭނެ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި އިގްތިސާދީ އަދި އުމްރާނީ ދާއިރާ ހިމެނެއެވެ.
އަރަބި އިސްލާމީ ގައުމުތަކުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީ ހޯއްދެވުމަށް އިސްލާމިކް މިނިސްޓްރީން އިސް ނަންގަވައިގެން ގެންދަވަނީ ތަފާތު އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ.