07 Feb 2013, 15:51
ނިއުދިއްލީ (ފެބްރުއަރީ 7) : ފަގީރުންނަށް މާލީގޮތުން އެހީވުމުގެ ޚާއްސަ ޕްލޭނެއް އެކުލަވާލައި އެޕްލޭން ތަންފީޒުކުރަން ފަށައިފިކަން އިންޑިޔާގެ މައިސަރުކާރުން ހާމަކޮށްފިއެވެ.
މި ޕްލޭނާބެހޭގޮތުން މަޢްލޫމާތު ދެއްވަމުން އިންޑިޔާގެ މާލީ ވަޒީރު ބިޝިދަންޕަރަމް ވިދާޅުވީ މިއީ އިންޑިޔާގެ ހުރިހާ ސްޓޭޓްތަކެއްގެ ފަގީރުން ކަވަރު ކުރާގޮތަށް ރޭވިފައިވާ ޕްލޭނެއް ކަމަށާ ނަމަވެސް މީގެ ފުރަތަމަ ފިޔަވަހީގައި މާލީ އެހީދެވޭނީ ދެލައްކަ ފަގީރުންނަށް ކަމުގައެވެ. މިޕްރޮގްރާމްގައި އިންޑިޔާގެ ހުރިހާ ފަގީރުން ޝާމިލްކުރެވޭނީ 2014 ގައި ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޔާގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ މީހުންނަކީ ފަގީރުންކަމާއި މީގެތެރެއިން އާދަޔާ ޚިލާފަށް ފަގީރު ޙާލަތުގައި (އެބްޒެލިއުޓް ޕަވަރޓީ) ގައި 20 އިންސައްތަ މީހުން އުޅޭކަމަށް ރިޕޯޓްތައް ބުނެއެވެ. ބިޝިދަންޕަރަމް ވިދާޅުވީ މިޕްލޭންގެ އަމާޒަކީ ފަގީރުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުންކަމުގައެވެ.
އިންޑިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ މިއީ، ކުރިޔަށްއޮތް އާންމު އިންތިޚާބާ ދިމާކޮށް ފަގީރުންނަށް ރިޝްވަތު ދިނުމަށް ކޮންގްރެސް ޕާޓީ އިސްކޮށްއޮވެގެން އިންޑިޔާގައި މިހާރު ވެރިކަންކުރާ ކޯލިޝަނުން ހިންގާ ރިޝްވަތުގެ ޕްރޮގްރާމެއް ކަމަށް ސިފަކޮށްފައެވެ. އިންޑިޔާގައި އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2014 ގައެވެ. އިންޑިޔާގައި ފަގީރުންނަށް އެހީތެރިވުމަށްޓަކައި ސޯޝަލްވެލްފެއަރގެ އެތަށް ޕްރޮގްރާމެއް ޑިސްޓްރިކްޓް ލެވެލް ގައާއި ސްޓޭޓް ލެވެލް ގައާއި މައިސަރުކާރުގެ ލެވެލްގައި ހިންގައެވެ. ނަމަވެސް މިޕްރޮގްރާމްތަކުގައި އިންތިހާއަށް ކޮރަޕްޝަން އެކުލެވި ޙަޤީޤީ ފަގީރުންނަށް މީގެއެދެވޭ އަސަރު އެކަށީގެންވާ ގޮތުގައި ނުކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.
މިޕްލޭންގެ ދަށުން އިންޑިޔާގެ ފަގީރުންނަށް 3200 ބިލިޔަން އިންޑިޔަން ރުޕީ (58 ބިލިޔަން އެމެރިކާ ޑޮލަރު) ވެލްފެއަރގެ ގޮތުގައި ދިނުމަށް ޕްލޭންކުރެވިފައިވެއެވެ. އެއީ ކޮންމެ ފަގީރަކަށް އަހަރަކު 30 ހާސް އިންޑިޔަން ރުޕީދޭ އުސޫލުގެ މަތިންނެވެ. މިފައިސާ ލިބެން ފެށުމުން ފަގީރުންނަށް އަމާޒުކޮށްގެން ހިންގާ ވެލްފެއަރ ޕްރޮގްރާމްތަކުގެ ތެރެއިން 30 ޕްރޮގްރާމެއް އުވާލުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިޔާ ސަރުކާރުން ހާމަކުރެއެވެ. ސޯޝަލްވެލްފެއަރގެ މިއައު ޕްލޭން، އެދެވޭގޮތުގައި ތަންފީޒު ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. އިންޑިޔާގެ އެއްބިލިޔަން މީހުންގެ އާބާދީގެ ތެރެއިން 360 މިލިޔަންމީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާއިރު އިންޑިޔާގެ ފަގީރުންގެ ޙަޤީޤީ އަދަދު 600 މިލިޔަނަށްވުރެވެސް މައްޗަށް އަރާނެ ކަމަށް އިންޑިޔާގެ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުން ލަފާކުރެއެވެ. (ނޫސްއެޖެންސީތައް)