07 Feb 2013, 15:45
އިންސާނީ ހައްގުތަކުގެ ދާއިރާއިން، މިން ކުރެވޭ، މާނަ ހުރި ކުރިއެރުންތަކެއް ސްރީލަންކާއިން ނުހޯދާ ނަމަ އެ ގައުމުގައި މިއަހަރު ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން އެހެން ގައުމަކަށް ބަދަލުކުރުމަށް ހިއުމަންރައިޓްސް ވޮޗް އިން ގޮވާލައިފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ހިއުމަންރައިޓްސް ވޮޗް އިން މިކަމަށް ގޮވާލާފައި ވަނީ ކޮމަންވެލްތުގެ ވެރިންނަށް އެޑްރެސްކޮށް މިއަދު ފޮނުވި އާއްމު ސިޓީއެއްގަ އެވެ.
ހިއުމަންރައިޓްސް ވޮޗް އިން މިކަމަށް ގޮވާލާފައި މިވަނީ ބައްދަލުވުމާ މެދު ސްރީލަންކާ ސަރުކާރާ އެކު މަޝްވަރާކުރުމަށް ކޮމަންވެލްގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ މިމަހު އެގައުމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނިކޮށެވެ.
ސްރީލަންކާގެ ތަމަޅަ ހަނގުރާމަވެރިންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ކުރި ހަނގުރާމައިގައި އެ ގައުމުގެ ސިފައިން އިންސާނީ ހައްގުތަކާ ހިލާފު އެތައް އަމަލުތަކެއް ހިންގާފައިވާ ކަމަށް ހިއުމަންރައިޓްސް ވޮޗްގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެހެން ބައެއް ޖަމާއަތްތަކުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.