މީރާއިން އަލަށް ފަށާ "ޓެކްސް ޕޭޔާ އޮންލައިން ސާވިސަސް" ޓެސްޓް ކުރުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މީރާއިން ބުނީ އެ ހިދުމަތް ޓެސްޓްކުރުމުގައި ބައިވެރިވެވޭނީ ރަޖިސްޓުރީކުރައްވާ ފަރާތްތަކަށް ކަމަށާއި އެގޮތުން ޓެސްޓުކުރުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މީރާގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ މީރާގެ ހޮޓްލައިން 1415 މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށެވެ.

މީރާއިން ބުނީ އެ އޮތޯރިޓީއިން ތައާރަފް ކުރުމަށް މަސައްކަތްކުރާ ޓެކްސް ޕޭޔާ އޮންލައިން ސާވިސަސް އަކީ ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސް ދެއްކުމުގެ ލުއި ގޮތްތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި ބުނީ އެސިސްޓަމްގެ ހިދުމަތް ތައާރަފްކުރުމުގެ މަރުހަލާގައި އެސިސްޓަމް މެދުވެރިކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ބީޕީޓީގެ ޓެކްސް ބަޔާނާއި ފައިސާ އެވެ. އަދި އެސިސްޓަމް ގާއިމްކުރެވުމުން ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް އިންޓަނެޓް މެދުވެރިކޮށް ޓެކްސް ދެއްކުމާއި ޓެކްސް ބަޔާން ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މީރާއިން މަސައްކަތްކުރަނީ އެއޮތޯރިޓީއަށް ބަލައިގަންނަ ހުރިހާ ފައިސާއަކާއި ބަޔާންތަކެއް މުސްތަގުބަލުގައި އޮންލައިންކޮށް ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށް އެއޮތޯރިޓީއިން ބުންޏެވެ.