07 Feb 2013, 15:21
ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްވަރު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީއާ ގުޅިގެން މަސައްކަތް ނުކުރައްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށް އެމްޑީޕީ އިން ދައްކާ ވާހަކައަކީ ކޮން ނިޔަތެއްގައި ދައްކާ ވާހަކައެއްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެއީ ކަނޑައެޅިގެން އެ ޕާޓީން ހަދާ ބުހުތާނު ދޮގެއް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ މި ޗުއްޓީ ދުވަސްވަރު ކުއްލި ޖަލްސާއެއް ބާއްވަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ގަސަމް މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާ އެއް ބޭއްވުމަށް ޕީޕީއެމްގެ ޕާލެމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އެދެވަޑައިގެންފައިވާ ކަމަށާއި އަދި އެކަމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ 20 މެންބަރުން އެއްބަސްވެ ސޮއިކުރައްވާފައިވާ ކަމަށެވެ.
ކުއްލި ޖަލްސާއެއް ބޭއްވުމަށް ޓަކައި މަޖިލީހަށް ހުށަހަޅާ ލިޔުމުގައި މަދުވެގެން 26 މެންބަރުންގެ ސޮއި ހިމަނަން ޖެހެ އެވެ. ގަސަމް ވިދާޅުވީ އެމްޑީޕީގެ މަޖިލިސް 20 މެންބަރުންގެ ސޮއި ލިބުމުން ދެން ހުށަހަޅަން ޖެހޭ ފަރާތަށް އެ ލިޔުން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ލިޔުން ފޮނުވާފައި ވަނީ ކާކަށް ކަމެއް ގަސަމް ވިދާޅެއް ނުވެ އެވެ.
ގަސަމް ވިދާޅުވީ އެމްޑީޕީން ޖަލްސާއެއް ބާއްވަން ބޭނުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ކަމަށެވެ.
ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ ކުރިން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމުން މަސައްކަތް ކުރި ކަމަށެވެ. އަދި އެ ޖަލްސާ ބާއްވަން އުޅުނީ ރައީސް އަނބުރާ ފޮނުއްވާލައްވާފައިވާ ސިޔާސީ ޕާޓީތަކުގެ ބިލް ފާސް ކުރުމަށް ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ. ނަމަވެސް މިހާރު އެ މަސައްކަތް އޮތް ހިސާބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.