މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިފައިވާ ކަމަށް ބުނެ ސަދަން ހެލްތު ސާވިސް ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސ.ފޭދޫ ޗަނބޭލީގޭ ނޫރުﷲ ސައީދު މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓިކޮރަޕްޝަންސް ކޮމިޝަން (އޭސީސީން) އިން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ބުނީ ސ.ފޭދޫ ސިއްހީ މަރުކަޒުގެ މެނޭޖަރެއްގެ މަގާމަށް އެ ސިއްހީ މަރުކަޒުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަގާމުގައިހުރި މުވައްޒަފަކު ބަދަލުކޮށްފައިވާ މައްސަލަ ބެލިއިރު އެކަމަކީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދަދިނުމަށް ކޮށްފައިވާ ކަމެއްކަން އެކޮމިޝަނަށް ސާބިތުވެފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފޭދޫ ސިއްހީ މަރުކަޒުގެ މެނޭޖަރެއްގެ މަގާމަށް އެ ސިއްހީ މަރުކަޒުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަގާމުގައިހުރި މުވައްޒަފަކު ބަދަލުކޮށްފައި ވަނީ ކޮން އުސޫލަކުން ކަމެއް ލިޔެކިއުމުން އެނގޭން ނެތްކަމަށާއި އަދި އެ މަގާމަށް އޭނާ ހަމަ ޖައްސައި، ފޭދޫ ސިއްހީ މަރުކަޒު ހިންގުން ހަވާލުކުރުމާ ގުޅޭ ގޮތުން ސަދަން ހެލްތު ސާވިސް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑާ ވެސް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

އަދި ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަގާމުގައި ހުރި މީހަކަށް ޕްރޮމޯޝަން ދިނުމަށް ނިންމި ނިންމުމަކީ ސަދަން ހެލްތު ސާވިސް ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ނޫރުﷲ ސައީދު އަމިއްލަ ނިންމުމެއް ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް އެކޮމިޝަނުން ބުނެފައިވެ އެވެ.

މިދިޔަ މަހުގެގެ ނުވަ ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ އެ މައްސަލައިގައި ނޫރުﷲ ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާގެ ކުރުމުގެ އިތުރުން ސިއްހީ މަރުކަޒުގެ ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކުރި މީހާގެ މަގާމު ބަދަލުވުމުން އިތުރަށް ދީފައިވާ ފައިސާ ވެސް އޭނާ އަތުން ނަގައިދިނުމަށް އެދިފައިވެ އެވެ.


"ނޫރުﷲ ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ކޮށްދިނުމަށާއި ނޫރުﷲ ސައީދުގެ މި އަމަލުގެ ސަބަބުން ލެބޯޓްރީ ޓެކްނޮލިޖިސްޓް މަގާމުގައި ލިބެން ޖެހޭ މުސާރައަށްވުރެ އިތުރަށް 2012 ފެބްރުއަރީ އިން 2012 މެއި މަހުގެ ނިޔަލަށް 10،639،18 ( ދިހަ ހާސް ހަ ސަތޭކަ ނުވަ ރުފިޔާ އަށާރަ ލާރި) މެނޭޖަރެއްގެ މަގާމަށް ބަދަލުކުރި މުވައްޒަފަށް ދީފައިވާތީ ، ދައުލަތުން އިތުރަށް ދީފައިވާ ފައިސާ ނޫރުﷲ އަތުން ހޯދުމަށް ނޫރުﷲ ސައީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފްރޮސިކުއުޓާ ޖެނަރަލް އޮފީހަށް ވަނީ ފޮނުވާފައެވެ. " އޭސީސީން ނެރުނު ނޫސްބަޔާނެއްގައިވެ އެވެ.

މީގެ އިތުރުން ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަގާމުގައިހުރި މީހަކު މެނޭޖަރެއްގެ މަގާމަށް ބަދަލުކޮށްފައިވަނީ މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ކަމަށްވާތީ އޭނާއަށް ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަގާމުގައި ހުރިއިރު ދިން މުސާރަ ދިނުމަށް ސަދަން ހެލްތު ސާވިސް ކޯޕަރޭޝަން ލިމިޓެޑަށް އޭސީސީން އަންގާފައިވާ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.