08 Oct 2010, 15:05
އަނިޔާވެރިން މުޖުތަމައަށް ދޫކުރަމުންދާ ނަމަ ގާޒީން ވެސް ހައްޔަރު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ފުލުހުންނަށް ގޮވާލައްވައިފި އެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެމްޑީޕީގެ ހާއްސަ ޖަލްސާގައި އޭނާ ވިދާޅުވީ ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ގާނޫނަށް ހުރުމަތްތެރިކޮށް ނުހިތާކަމަށެވެ. އަދި ގާނޫނުތައް ހަދަނީ ފުލުހުންނާ ވާހަކަ ދެއްކުމަށް ފަހު އެ ފަރާތުން ބޭނުންވާ ގޮތްތަކަށް ކަމަށާއި ގާނޫނެއް ހަދާފައި ހަވާލު ކުރުމުން އެ ގާނޫނަކާ މެދު ފުލުހުން ދައްކާ ބައެއް ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއްނޫން ކަމަށެވެ. އަދި ބޮޑު ކުށްވެރިއަކު ގާޒީއަކު މުޖުތަމައަށް ދޫކޮށްފި ނަމަ ފުލުހުން އެ ގާޒީއަކު ހައްޔަރުކުރަން ޖެހޭނެ ކަމަށާއި އެހެންނޫނީ ގައުމުގައި މިހިނގާ ކުށްތައް ނުހުއްޓުވޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށާއި އެ ފަރާތްތަކުން ރުހުން ނުދިން ނަމަވެސް މައްސަލައެއްނެތް ކަމަށެވެ. އަދި ވަޒީރުންނަށް ނުރުހުން ނުދިނަސް ގާނޫނު އަސާސީގައި ބުނާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންނަށް ރުހުން ދެއްވާފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން މާލެ އިން ބިން ވިއްކުމާ ދެކޮޅު ހަދާ ފަރާތްތަކަށް ވެސް އެމްޑީޕީ ޕާލަމެންޓް ގްރޫޕްގެ ލީޑަރު ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން މާލެ އިން ބިން ވިއްކަމުން ދަނީ ގާނޫނާ ހިލާފަށް ނޫން ކަމަށާއި މާލެ އިން ބިން ނުވިއްކޭ ނަމަ ވިލިނގިއްޔާއި ހުޅުމާލެ އިން ވެސް ސަރުކާރަށް ބިން ނުވިއްކޭނެ ކަމަށެވެ. އެހެން ކަމާ އެކު މިހާރުގެ ސަރުކާރުން ހުޅޫމާލެ އިން ބިން ވިއްކަމުން ގެންދާއިރު މާލޭން ބިންވިއްކުމަކީ މައްސަލައަކަށްވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.