ދ. ބަނޑިދޫ ރަށު ކައުންސިލްގެ ހުރިހާ މެންބަރުންނާއި އެ ރަށު އަންހެނުންގެ ކޮމެޓީގެ ހުރިހާ މެންބަރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކޮށްފި އެވެ.

އެ ބޭފުޅުން އެމްޑީއޭ އަށް ސޮއި ކުރެއްވީ އެމްޑީއޭ އަށް މެންބަރުން އިތުރު ކުރުމަށް ދ. އަތޮޅުގެ ރަށްރަށަށް ކުރަމުން އަންނަ ދަތުރުގައި އެ އަތޮޅު ވިލުރީފް ބީޗް އެންޑް ސްޕާ ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ސޮއި ކުރެއްވި ބަނޑިދޫ ކައުންސިލްގެ ފަސް މެންބަރުންނަކީ ކައުންސިލްގެ ރައީސް، ހަސަން ހަނީފާއި ނައިބު ރައީސް މުހައްމަދު ނާޒިމް އާއި ކައުންސިލްގެ މެންބަރުން ކަމަށްވާ އަހުމަދު ލަތީފު އާއި އަބްދުﷲ އަމްޖަދު އަދި އަބްދުލް ކަރީމް އެވެ. ބަނޑިދޫ އަންހެނުންގެ ކޮމެޓީގެ ފަސް މެންބަރުންނަކީ ރައީސާ ހައްވާ އިސްމާއީލާއި ނައިބު ރައީސާ އައިމިނަތު ޖަވާދާއި ކޮމެޓީގެ އެހެން މެންބަރުން ކަމަށްވާ ފަހީމާ މުހައްމަދާއި ޒުބެއިދާ ގާސިމް އަދި އައިމިނަތު މުހައްމަދެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ބަނޑިދޫ ކައުންސިލްގެ މެންބަރުން ވިދާޅުވީ އެ ބޭފުޅުންނަށް ވަރަށް ގިނަ ފަރާތްތަކުން ހުށަހެޅުންތައް އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް އެމްޑީއޭ ނޫން އެހެން ޕާޓީ އަކާ ގުޅެން ބޭނުން ނުވީ ކަމަށެވެ. ސިޔާމް އަކީ ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެއް ކަމަށާއި ބަނޑިދޫގެ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަމިއްލަފުޅު ހައިސިއްޔަތުންނާއި ސަރުކާރު ތެރެއިން ކުރެވެން އޮންނަ ހުރިހާ ކަމެއް އަބަދުވެސް ކޮށްދެއްވާކަން ފާހަގަކުރެއްވި އެވެ.

"ސިޔާމް އަމިއްލަފުޅަށް އަޅުގަނޑުމެން ދޫކޮށްނުލާހާ ހިނދަކު އަޅުގަނޑުމެން ތިބޭނީ ސިޔާމާ އެކު. އަދި ބަނޑިދޫ ރައްޔިތުން ވެސް ތިބޭނީ މި ގޮތުގައި،" މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ތިން މީހުން ފިޔަވައި ހުރިހާ މީހުން ސިޔާމަށް ވޯޓު ދިން ބަނޑިދޫ ކައުންސިލްގެ ރައީސް ހަނީފް ވިދާޅުވި އެވެ.

ދ. އަތޮޅުގައި މެންބަރުން އިތުރު ކުރުމަށް އެމްޑީއޭ އިން މިހާރު ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހަކު ވެސް ޕާޓީއާ ގުޅެމުން އަންނަ ކަމަށް އެމްޑީއޭގެ ސްޕޯކްސްޕާސަން އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވި އެވެ. އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ޕާޓީ އެއް އުފައްދަވަން މާ ބޮޑަށް ލަސް ވެއްޖެ ކަމަށް ވެސް ދ. އަތޮޅުގެ ބައެއް ރައްޔިތުން ވިދާޅުވެފައިވާ ކަމަށް އާމިރު ފާހަގަކުރެއްވި އެވެ.
ދ. އަތޮޅުގައި މެންބަރުން އިތުރު ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ޕާޓީގެ އިންތިގާލީ ލީޑަރު ސިޔާމް އަދި ނައިބު ލީޑަރު އާމިރުގެ އިތުރުން ކައުންސިލްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.