ފުލުހަކަށް ހަމަލާ ނުދޭކަން ސާބިތުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ހެކި ހުށަހަޅައިފި އެވެ.

އޭނާ އެ ހެކި ހުށަހެޅީ ފުލުހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި ބޮންޑާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ހެކި ހުށަހެޅުމަށް ޝަރީއަތުން ފުރުސަތު ދިނުމުންނެވެ.

ބޮންޑާ ހުށަހެޅި ހެކީންގެ ތެރޭގައި ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ އިތުރުން އާންމުންގެ މީހަކު ވެސް ހިމެނެ އެވެ. އަދި ވީޑިއޯ ފްޓޭޖެއް ވެސް އޭނާ މިއަދު ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 30 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު އެމްޑީޕީގެ ސަޕޯޓަރުން ބޭއްވި ސައިކަލް ބުރެއްގެ ތެރެއިން ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ފުލުހެއްގެ މޭމަތީގައި ޖެހިކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބޮންޑާގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކި ހުށަހަޅައިފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.