07 Feb 2013, 14:17
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ބައިވެރިވެވަޑައިގެން މަޖިލީހުން ފާސްކުރާ ނިންމުންތަކުގެ ސައްޚަ ކަމާ މެދު ގޮތެއް ކަނޑައަޅައި ދިނުމަށް ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.
އޭނާ އެގޮތަށް އެދިވަޑައިގަތީ އިތުބާރުނެތް ކަމަށް ނަގާ ވޯޓުތައް ސިއްރު ކުރާން މަޖިލީހުން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ގދ. ފިޔޯރީ އައިސާދަރުގޭ އަހުމަދު ސިއްދީގާއި ދަފްތަރު ނަންބަރު 3569 އިބްރާހީމް ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ.
ވައްޑޭ ވިދާޅުވީ ބަނގުރާ ބުއިކަމުގެ ތުހުމުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މަޖިލީހުގެ ދެ މެންބަރުންކަމަށްވާ ހާމިދާއި ޖާބިރުގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މެންބަރު މުހައްމަދު ރަޝީދު ބައިވެރިވެގެން މަޖިލީހުން ނިންމާ ނިންމުންތަކުގައި ދުސްތޫރީ ގޮތުން ސުވާލު އުފެދޭތީ އެ ތިން ބޭފުޅުން ބައިވެރިވެގެން މަޖިލީހުން ނިންމާ ނިންމުންތަކުގެ ސައްޚަކަމާ މެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
އިތުބާރުނެތް ކަމަށް ނަގާ ވޯޓުތައް ސިއްރުކުރާން މަޖިލީހަށް ފާސްނުކުރެވޭނެ ކަމަށް ވަކާލާތު ކުރައްވައި ވައްޑޭ ވިދާޅުވީ އެގޮތަށް ފާސްކުރި ކުރުމަކީ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށެވެ. އަދި ވޯޓުތައް ސިއްރު ކުރާން ފާސްކުރި ޖަލްސާގައި ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ އެ ދަރަނި އަދާކުރަމުން ނުދާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ބައިވެރިވެފައި ވާތީ އެއީ ވެސް އެ ނިންމުން ސައްޚަ ނުވާނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް އާއި ނާޝިޒަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވަޑައި ނުގެންނެވޭ ގޮތަށް ކަނޑައަޅައި ދިނުމަށް ވެސް ވައްޑޭ ވަނީ އެދިވަޑައިގެންފަ އެވެ.
ވައްޑޭގެ ވާހަކަތަކަށް ރައްދުދެއްވައި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ ކޯޓަކުން ވަކިގޮތެއް ނާންގާހާ ހިނދަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގެ ބާރު މެންބަރުންނަށް ލިބިގެންވާ ކަމަށެވެ.
ވައްޑޭ ވިދާޅުވީ ގާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ނޫނީ ޖަލްސާ އިން ބައެއް ވިޔަސް ސިއްރު ކުރެވޭނީ ހަމައެކަނި ދެ ހާލަތެއްގައި ކަމަށެވެ. އެއީ ގައުމީ ސަލާމަތަށް ޓަކައި ނޫން ނަމަ އަމަންއާންމު ރައްކާތެރިކުރުމުގެ ބޭނުމުގައި ޖަލްސާ ސިއްރު ކުރުމަށް ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން ކުރެވޭނެ ކަމެއް ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބުނާ ދެ ހާލަތް ފިޔަވައި މަޖިލީހުގެ ޖަލްސާތައް ސިއްރު ކުރެވިދާނެ ގޮތްތައް މަޖިލީހުގެ ގަވާއިދުގައި ހިމެނިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށް ކައުންސެލާ ޖެނެރަލް ފިލްޒާ ވިދާޅުވި އެވެ. އަދި އިތުބާރުނެތްކަމަށް ނަގާ ވޯޓުތައް ސިއްރުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ފަސްކުރި ކުރުމަކީ ގާނޫނު އަސާސީގެ ދާއިރާގެ ތެރެއިން ފާސްކޮށްފައިވާ ސައްޚަ ނިންމުމެއް ކަމަށްވާތީ އެ ނިންމުން ބާތިލް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ފިލްޒާ އެދިވަޑައިގަތެވެ.
ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއީލް އަބްދުލް ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވާއިރު ކޯޓުން ހުކުމްކުރާ ހިސާބުން ފެށިގެން މެންބަރުންނަށް ޖަލްސާއަށް ހާޒިރުނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ވައްޑޭ ވިދާޅުވި އެވެ. އެހެންކަމުން އާޒިމް އާއި ނާޝިޒުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވާއިރު އަދި އެހުކުމަކީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ނެތް ހުކުމަކަށްވާތީ އެ ދެ ބޭފުޅުންނަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވެވޭނެ ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ ވައްޑޭ ދައްކަން ބޭނުންވާ ވާހަކަތައް ދައްކަވައި ނުނިމޭތީ ދެން އޮންނަ އަޑުއެހުމެއްގައި އެންމެ ފުރަތަމަ ފުރުސަތު އަރުވާނީ އޭނާ އަށް ކަމަށެވެ.