07 Feb 2013, 14:08
ސިޔާސީ ގޮތުން ތަފާތު ފިކުރެއްގެ މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަކީ ފިނޑި ކަމެއްގެ ގޮތުގައި ދެކެމުން އަންނަ ކަމަށާއި ނަމަވެސް ހަގީގީ ފިނޑީންނަކީ ތިމާއާ ޚިޔާލު ތަފާތު މީހާއާ ކުރިމަތިލާން ނުކެރޭ މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރޭ ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު އެހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެ މަނިކުފާނާއި ދެ ބޭފުޅުން ސިއްރު ބައްދަލުވުންތަކެއް ދޭތެރެ ދޭތެރެ އިން ކުރިއަށް ގެންދަވާ ކަމަށް ފެތުރިފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުއާ ސިއްރުން ބައްދަލު ކުރައްވައިގެން ކުރައްވަން ޖެހި ވަޑައިގަންނަވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، އެމަނިކުފާނަކީ އެ ޒާތުގެ މީހެއް ވެސް ނޫން ކަމަށެވެ. އަދި އެމަނިކުފާނު އަބަދުވެސް އިސްކަން ދެއްވަނީ ސިޔާސީ ގޮތުން މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރެއްވުމަށް ކަމަށެވެ.
"ދޭތެރެ ދޭތެރެއިން ދެކެވޭ ވާހަކައެއް އަޅުގަނޑު ރައީސް ނަޝީދު އާ ސިއްރުން ބައްދަލު ކުރަނިއްޔޭ. އަޅުގަނޑު ކީއްކުރަންތޯ ރައީސް ނަޝީދު އާ ސިއްރުން ބައްދަލު ކުރަންވީ. ސިއްރުން އަޅުގަނޑު ރައީސް ނަޝީދު އާ އެކީ ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ. އެހެން ނޫންތޯ ވާނީ. އަޅުގަނޑަކީ އެ ޒާތުގެ މީހެއް ނޫން. އެކަމަކު ރައީސް ކަމުގައި ހުންނަވާ ބޭފުޅަކާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލު ކުރާނެ،" ޝާހިދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އާއި ޝާހިދު އެންމެ ފަހުން ބައްދަލު ކުރެއްވިކަމަށް މީޑިއާއަށް ހާމަ ވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެކާވީސް ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އޭނާ ވިދާޅުވީ ނަޝީދު ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނު ވިދާޅުވި ކޮންމެ ވަގުތެއްގައި ރައީސް އޮފީހަށް ވެސް އަދި މުލީއާގެ އަށް ވިދާޅު ވެއްޖެ ނަމަ އެ ގެއަށް ވަޑައިގެން ވެސް ބައްދަލު ކުރައްވާފައި ހުންނާނެ ކަމަށެވެ.
"ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު ވިދާޅުވި އެ މަނިކުފާނު ވިދާޅުވެ ލެއްވި ކޮންމެ ތަނަކަށް ގޮސް ބައްދަލު ކޮށްފައި ހުންނާނީ. ބައެއް ފަހަރު ވިދާޅުވޭ ތިމަންނަ ބައްދަލު ކޮށްލަން ވަޑައިގަންނަވަން ބޭނުން ފުޅޭ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރަން ވަޑައިގަތުމަށް ވުރެ އޭގައި ރީތި އަދަބުވެރި ގޮތަކީ އަރިހަށް ދިއުން. މިހާރު ވެސް ހަަމަ އެހެން. ރައީސް ވަހީދު އަޅުގަނޑަށް އިޝާރާތް ކޮށްލައްވައިފި ހިނދެއްގައި އަޅުގަނޑު އަރިހަށް ދަން. އަދި ރައީސް ވަޑައިގެން ނެތި ނައިބު ރައީސް އިޝާރާތް ކޮށްލައްވައިފި ނަމަ ވެސް އަޅުގަނޑު އިހްތިރާމް އަދާ ކުރުމުގެ ގޮތުން އަރިހަށް ގޮސް އެ ވިދާޅުވާ ވާހަކައެއް އަޑު އަހާލާ ހަދަން. ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާއާ ކިހިނެއްތޯ ދެ ބުރަކަށި ޖައްސައިގެން ތިބޭނީ،" ޝާހިދު ވިދާޅުވި އެވެ.
އަބްދުﷲ ޝާހިދު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ގެކޮޅު ކަމަށްވާ މ. ޔާގޫތު ގޭގައި ބައްދަލު ކުރެއްވުމަށް ފަހު ވިދާޅުވެފައިވަނީ ރައީސް ނަޝީދާ ބައްދަލު ކުރެއްވީ ނަޝީދުގެ ބައްޕާ ފުޅު އާލާސްކަންފުޅާ އުޅުއްވާތީ ބައްޕާފުޅުގެ ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ރައީސް ނަޝީދު ފުރައިވަޑައިގަންނަވާތީ ކަމަށާއި އަދި ރައީސް ނަޝީދަކީ އެމަނިކުފާނުގެ މަދުރަސީ ދައުރުން ފެށިގެން ވެސް ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށެވެ.
އަދި އެބައްދަލު ކުރެއްވުމުގައި މަޖިލީހާ ބެހޭ ގޮތުން ވެސް އަދި އަމިއްލަ ޕާޓީއާ ބެހޭ ގޮތުން ވެސް އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ.
ރޭގެ ވީޓީވީގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އެމަނިކުފާނު ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ފަހަތްޕުޅުގައި ހުންނަވަނީ މައުމޫން އެ ޕާޓީގެ ސިޔާސީ ޒައާމަތު ދޫކޮށްލެއްވި އިރު އެ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ދެއްކެވި ބޭފުޅަކީ ތަސްމީން ކަމަށްވާތީ ކަމަށެވެ.