07 Feb 2013, 13:56
ދައުލަތުގެ ބަޖެޓުން ހަރަދުކުރާނެ އުސޫލުތަކެއް ކަނޑައެޅުއްވުމަށްފަހު އެކަން ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި މިއަހަރު ތެރޭގައި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި މިގޮތަށް ކުރާ ދަތުރުތަކުގެ ހަރަދު ވީހާވެސް ކުޑަގޮތަކަށް ހަމަޖެއްސުމަށް ވަނީ އަންގާފަ އެވެ. އަދި އެފަދަ ދަތުރުތައް ކުރުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައި އެދަތުރު ކުރުމުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ދައުލަތުގެ މުއައްސަސާތަކަށް ބޭރުގެ ފަރާތްތަކުން ހުރިހާ ހަރަދެއް ދީގެން ކުރާ ސްޓަޑީ ޓުއާތަކާއި ޓްރެއިނިން ދަތުރުތަކަށް ސަރުކާރުން ކުރާ ހަރަދުތައް ވީހާ ވެސް ކުޑަކުރުމަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ވަޒީރުން ފިޔަވައި އެނޫން އެހެން މުވައްޒަފުން އިކޮނޮމީ ކްލާހުން ދަތުރު ކުރާ ގޮތަށް ހަމަޖެއްސުމަށް ވެސް ވަނީ އަންގާފަ އެވެ.
މީގެ އިތުރުން ފެެރީގެ ހިދުމަތްތައް ލިބޭ ސަރަހައްދުތަކުގައި ކުރާ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމަށާއި އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް މަސައްކަތްތައް ރޭވުމަށާއި އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ މަސައްކަތް ހަވާލުކުރާ ފަރާތްތަކުން އިތުރު ގަޑީގައި މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ވެސް ފިނޭންސުން ވަނީ އަންގައިފައެވެ. އަދި އެއްވެސް މަގާމެއްގައި ހުރި ފަރާތެއްގެ ފޯން ބިލް ސަރުކާރުގެ ބަޖެޓުން ނުދެއްކުމަށް ވެސް ވަނީ އަންގާފަ އެވެ.
ދައުލަތުގެ އޮފީސްތަކުން އިންތިޒާމް ކޮށްގެން ރަސްމީ ގަޑީގައި ބާއްވާ ކޮމިޓީ ބޯޑު ފަދަ ތަންތަނުގެ ޖަލްސާތަކަށް ދައުލަތުގެ މުވައްޒަފުންނަށް އެލަވަންސް ދިނުން ހުއްޓާލުމަށާއި މަރާމާތުގެ ހަރަދުތަކުން މިއަހަރު ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވާ އިތުރު ހަރަދުތައް ނުކުރުމަށާއި ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފިޔަވާ ދައުލަތުގެ ފައިސާއިން ހަރަދުކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަ ނުކުރުމަށް ވެސް ފިނޭންސުން ވަނީ އަންގައިފައެވެ. އަދި އޮފީސްތަގައި ބާއްވާ ބައްދަލުވުންތަކަށް ކެއުމާއި ސައި ހަމަޖެއްސުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނިންމައިފައި މި ވަނީ މިއަހަަރަށް ކަނޑައަޅާފައިވާ 15.3 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދު ކުޑަ ނުކޮށްފި ނަމަ މި އަހަރުގެ ފަހުކޮޅަށް ދާއިރު ބޮޑެތި ދަތިތަކަކާ ކުރިމަތިވެދާނެ ކަމަށް ފެންނާތީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ.