07 Feb 2013, 13:16
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގެ ކުރިން، މަޖިލީހުގެ ކުއްލި ޖައްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގައި ޕީޕީއެމުން ބައިވެރިވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ސަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ގަސަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާ އެއް ބޭއްވުމަށް ޕީޕީއެމްގެ ޕާލެމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އެދެވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ 20 މެންބަރުން އެއްބަސްވެ ސޮއިކުރައްވާފައިވާ ކަމަށް ގަސަމް ވިދާޅުވި އެވެ.
ކުއްލި ޖަލްސާއެއް ބޭއްވުމަށްޓަކައި މަޖިލީހަށް ހުށަހަޅާ ލިޔުމުގައި މަދުވެގެން 26 މެންބަރުންގެ ސޮއި ހިމަނަން ޖެހެ އެވެ. ގަސަމް ވިދާޅުވީ އެމްޑީޕީގެ މަޖިލިސް 20 މެންބަރުންގެ ސޮއި ލިބުމުން ދެން ހުށަހަޅަން ޖެހޭ ފަރާތަށް އެ ލިޔުން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ލިޔުން ފޮނުވާފައި ވަނީ ކާކަށް ކަމެއް ގަސަމް ވިދާޅެއް ނުވެ އެވެ.
"ޕީޕީއެމްގެ ޕާލިމެންޓްރީ ގޮރޫޕްގެ ލީޑަރު އަބްދުﷲ ޔާމީންގެ އެދިވަޑައި ގަތުމަކަށް ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގުރޫޕްގެ 20 މެންބަރުން ސޮއި ކުރުމަށް ފަހު ވަނީ ފޮނުވަން ޖެހޭ ހިސާބަށް ފޮނުވާފައި. ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ޔާމީން އެދިވަޑައިގަންނަ ވަނީ ސިޔާސީ ޕާތީގެ ބިލް ފާސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން. އެ މައްސަލަ އެޖެންޑާ ކުރަން. މިކަމަށް އިސްނެންގެވީ ޕީޕީއެމް އިން. އިސްކޮށް ހަރަކާތް ތެރިވެވަޑައި ގަންނަ ވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު،" ތިނަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގަސަމް ވިދާޅުވި އެވެ.
ގަސަމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ ކުރިން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމުން މަސައްކަތް ކުރި ކަމަށެވެ. އަދި އެ ޖަލްސާ ބާއްވަން އުޅުނީ ރައީސް އަނބުރާ ފޮނުއްވާލައްވާފައިވާ ސިޔާސީ ޕާޓީތަކުގެ ބިލް ފާސް ކުރުމަށް ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ. ނަމަވެސް މިހާރު އެ މަސައްކަތް އޮތް ހިސާބެއް އެނގިވަޑައުކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމިންއަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ގަަސަމް ވިދާޅުވެފައި ވަނީ ޔާމީން އަކީ ގައުމު ދެކެ ލޯބިވާ ބޭފުޅެއް ކަމަށާއި ޔާމީން ވެސް ދިވެހި ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލަން ބޭނުންފުޅު ނުވާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ރައީސް ވަހީދުގެ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ގަސަމް ވިދާޅުވި އެވެ.
ނަން ނުޖެހުމަށް ޝަރުތު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އެހެން މެންބަރަކު ވިދާޅުވީ މަޖިލީހުގެ ކުއްލި ޖަލްސާ ބޭއްވުމަށް ޕީޕީއެމުން މަސައްްކަތް ކުރަނީ ސިޔާސީ ޕާޓީތަކުގެ ބިލް ފާސް ކުރުމަށް ކަމަށްވާ އިރު، ބަދަލުގެ ގޮތުގައި އެމްޑީޕީން ބޭނުންވަނީ ރައީސުލްޖުމްހޫރީއްޔާގެ މައްޗަށް ނެގުމަށް ހަމަޖެހިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރުމަށެވެ. އޭނާ ވިދާޅުވީ ކުއްލި ޖަލްސާ ބޭއްވުމަށް ޓަކައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ 10 މެންބަރުން ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ޕީޕީއެމުން އެކަން ކަށަވަރު ނުކޮށްދިނެވެ.
މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހުގައި ބުނަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިން ބައި ކުޅަ އެއްބައި މެންބަރުން ނުވަތަ 26 މެންބަރުން ސަބަބު ބަޔާންކޮށް ޖަލްސާއެއް ބޭއްވުމަށް މަޖިލީހަށް ހުށަހަޅައިފި ނަމަ 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބޭއްވަންޖެހޭނެ ކަމަށެވެ. އެ 14 ދުވަސް ގުނަންޖެހޭނީ ބަންދު ދުވަސް ހިމަނައިގެން ކަމަށް ވެސް އެ އިސްލާހުގައި ބުނެ އެވެ.