07 Feb 2013, 13:10
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ނަގައި ދިނުމަށް އެދި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޕްރޮސިކިއުޓާ ޖެނެރަލް އަށް ސިޓީއެއް ހުށައަޅައިފި އެވެ.
މިއަދު 11:30ގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުން ޕީޖީ އޮފީހަށް ގޮސް ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާ ނެގުމަށް އެދި ކޮންމެ މެންބަރަކު ޕީޖީ އަށް ސިޓީއެއް ހުށައަޅާފައިވާ އިރު ފުރަތަމަ އެ މެމްބަރުން އެދުނީ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިޒް އެ ސިޓީތަކާ ހަވާލުވުމަށް އައުމަށެވެ.
ނަމަވެސް އެ ވަގުތު ކައުންޓަރުގައި ތިބި ކުދިން މުއިޒް އަށް ވަޑައިގެންނެވެން ނެތް ވާހަކަ ދެއްނެވުމުން އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުން ދެން އެދުނީ އިސް އެހެން ފަރާތެއް އެ ސިޓީތަކާ ހަވާލުވުމަށް އައުމަށެވެ. އެކަން ވެސް ވާން ނެތްކަމަށް ޕީޖީގެ ކައުންޓަރުގައި ތިބި ކުދިން ބުނި ވަގުތު ފުލުހުން ވަނީ ޕީޖީގެ އޮފީހުގެ ތެރެއަށް ވަދެފަ އެވެ. ނަމަވެސް ފުލުހުންނާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުންނާ ދެމެދު އެއްވެސް ހަމަނުޖެހުމެއް ހިނގާފަނުވާ އިރު އެންމެ ފަހުން އެ ސިޓީތައް ވަނީ ކައުންޓަރުގައި ތިބި ކުދިންނާ ހަވާލުކޮށްފަ އެވެ.
ސިޓީތައް ޕީޖީ އޮފީހާ ހަވާލުކުރުމަށް ފަހު ޕީޖީ އޮފީސް ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ގައުމީ މަޖިލީހުގެ މާލޭ ސިޓީގެ ރައީސް މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ މިއަދު ޕީޖީ އަށް ގައުމީ މަޖިލީހުގެ މެމްބަރުން ހުށައަޅަފައިވާ ސިޓީތަކުގައި އެދިފައި ވާނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް އެދިފައި ކަމަށެވެ.
"އަޅުގަނޑުމެން މި އެދެނީ ޕްރޮސިކިއުޓާ ޖެނެރަލް އަރިހުގައި ދިވެހި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގޮތުގައި މިވަގުތު ހުންނެވި ބޭފުޅާގެ މައްޗަށް ކުރަމުންދާ ދައުވާ އަނބުރާ ގެންދެވުމަށް. އެއީ އަޅުގަނޑުމެންގެ އެދުމަކީ ވެސް ހުށައެޅުމަކީ ވެސް،" ބިގޭ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާ ނަގައިދިނުމަށް އެދި އެމްޑީޕީ ގައުމީ މަޖިލީހަށް ނިސްބަތްވާ މެމްބަރުންތަކެއް ޕީޖީ އޮފީހަށް ސިޓީއެއް ހުށައަޅާފައިވާ އިރު އެމްޑީޕީއިން ވެސް މިހާރު ދަނީ އެ މައްސަލަ ނަގައިދިނުމަށް އެދި ޕީޖީ އަށް ޕެޓިޝަނެއް ހުށައެޅުމަށް ތައްޔާރުވަމުންނެވެ.