މެކްސިކޯގައި އުމުރުން އެންމެ ނުވަ އަހަރުގެ އަންހެންކުއްޖަކަށް ދަރިއަކު ލިބިއްޖެއެވެ.

އިނގިރޭސިވިލާތުގެ ދަ ޓެލެގްރާޕް ނޫހުން ބުނީ ޑެފްނޭ ނަމަކަށް ކިޔާ އުމުރުން ނުވަ އަހަރުގެ އެ އަންހެން ކުއްޖާގެ ދަރިފުޅު ސިޒޭރިއަން ހަދައިގެން ނަގައިފައި ވަނީ މެކްސިކޯގެ ހުޅަނގުގައިވާ ޖަލިސްކޯ ނަމަކަށް ކިޔާ ރަށުގެ ޒޮކުއިޕަން ހޮސްޕިޓަލްގައި މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

ޑެފްނޭއަށް ލިބުނީ 5.7 ޕައުންޑްގެ ބުރަދަން ހުރި އަންހެން ކުއްޖެއް ކަމަށާއި އެކުއްޖާގެ ބައްޕަ އަކީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް އާއިލާއާ ހަވާލާދީ ނޫހުގައި ވެއެވެ.

ޑެފްނޭގެ މަންމައާ ހަވާލާދީ ނޫހުގައި ބުނެފައި ވަނީ އޭނާ ބަލިވެ އިން އިރު އުމުރަކީ އަށް އަހަރު ކަމަށެވެ.
ސެޖިލްސްކޯ ސްޓޭޓް ޕްރޮސެކިއުޓާސް އޮފީހުން ބުނި ކަމަށް ނޫހުގައި ވަނީ އަންހެން ކުއްޖާ ބަލިވެ އިންގޮތާ ބެހޭ ގޮތުން އޭނާ ދައްކާ ވާހަކަ، އޭނާގެ އުމުރު ހަގުކަމުން އެހާ ބޮޑަށް ކަށަވަރު ނުކުރެވޭ ކަމަށާއި އެއީ ރޭޕް ނުވަތަ ޗައިލްޑް އެބިއުޒް ފަދަ ކަމަކަށް ވެދާނެ ކަމަށެވެ.

ޑެފްނޭ އަކީ ދެމަފިރިއެއްގެ ތިބި 11 ކުދިންގެ ތެރެއިން ކުއްޖެއް ކަމަށާއި އެދެމަފިރިންގެ މަސައްކަތް ހުންނަ ގޮތުން ދަރިންނަށް ވަރަށް އަޅާ ނުލެވޭ ކަމަށް ވެސް ނޫހުގައި ވެއެވެ.