07 Feb 2013, 12:56
މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގަ އާއި ބުދަ ދުވަހުގެ ރޭ މާލޭ މަގުމަތީގައި މަރުވެފައި އޮއްވައި ފެނުނު ދެ ޒުވާނުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ނަމަވެސް އެ ދެ މީހުން ޕޮޒިޓިވްވެފައި ވަނީ ކޮން ކަހަލަ ބާވަތެއްގެ މަސްތުވާއެއްޗެއް ކަމަކަށް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ފަތިހު 4:40 އެހާކަންހާ އިރު ހުޅުމާލޭ ބޮޑުމަގު، ހިތިގަސްމަގާއި ހުނވަދުމާހިނގުން ގުޅޭ ހަތަރު ހަތަރު އަނގޮޅި ކަންމަތީން ޕޭމަންޓް މަތީގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ މ. މާކަރީ، މުހައްމަދު ޝަހުދު ނާޒިމު، 19، އެވެ. އަދި އޭނާ މަރުވިތާ 48 ގަޑިއިރު ވެސް ނުވަނީސް ދިވެހި ރާއްޖޭގެ އަޑުކުރިން ހުރި އިމާރާތުގެ ކުރިމަތީގައި އޮންނަ ޕާކު ތެރޭގައި ފަތިހު 3:30 ހާކަންހާއިރު ހ. އޮގަސްޓާ، އަޙުމަދު ނަޒީފް ޝައުކަތު 21، މަރުވެފައި އޮއްވައި އޮއްވައި ވަނީ ފެނިފަ އެވެ.
ދެ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެފައިވާ އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެލްއެސްޑީގެ ފޭކު ބާވަތެއް ރާއްޖޭގައި ދައުރުކުރާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ. އަދި ނެޝެނަލް ޑްރަގް އެޖެންސީން ވަނީ މަސްތުވާތަކެތީގެ ވަރަށް ބާރުގަދަ ނުރައްކާތެރި ބާވަތެއް މުޖުތަމައުގެ ތެރޭ ފެތުރޭ ކަމަށް ޝައްކު ކުރެވޭތީ އެކަމަށް ސަމާލުމަށް އިންޒާރުކޮށްފަ އެވެ.