ރަށްތައް ގުޅުވާލުމާ ބެހޭ މައުލޫމާތު ދިނުމަށް ރ. އިންނަމާދު އަށް ވަޑައިގެންނެވި އެ އަތޮޅުގެ ވަގުތީ ކައުންސިލަރު ގޯތި ދޫނުކުރާ މައްސަލައިގައި އެ ރަށުން ފުރިޔަނުދީ ތިން ގަޑިއެއްހާއިރު ހިފެހެއްޓުމަށް ފަހު އަންނަ ހަފްތާގެ ތެރޭގައި ގޯތި ދޫކުރުމަށް އެއްބަސްވެވަޑައިގަތުމުން ދޫކޮށްލައިފި އެވެ.


އިންނަމާދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ އަތޮޅު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މޫސާ އުމަރު މަނިކު އެ ރަށަށް މިއަދު މެންދުރު 2:30 ހާއިރު ވަޑައިގަތުމުން އެ ރަށުގެ ޒުވާނުންގެ ތެރެއިން ބަޔަކު ނުކުމެ އޭނާ ފުރިޔަ ނުދީ ހިފެހެއްޓީ އެ ރަށުން ގޯތި ދޫނުކުރާ މައްސަލަ ރަށު އޮފީހަށް ހުށަހެޅުމުން އަތޮޅު ކައުންސިލަރު ވަޑައިގަތުމުން އެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ރަށު އޮފީހުން ބުނެފައިވަނިކޮށް އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަވާ ކައުންސިލަރު ފުރާވަޑައިގެންނަވަން އުޅުއްވުމުން ކަމަށެވެ.  


އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ ރަށުން ގޯތި ދޫކުރުމަށް 47 މީހެއްގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ.  އަދި ރަށްތައް ގުޅުވާލުމާ ބެހޭ މައުލޫމާތު ދެއްވުމަށް ކައުންސިލަރު މިއަދު އެ ރަށަށް ވަޑައިގަތުމުން ފުރިއަނުދީ ހިފަހައްޓައިގެން ތިބުމަށް ފަހު ކައުންސިލަރު ފުރިއަދިނީ އެ ރަށުން ގޯއްޗަށް އެދިފައިވާ މީހުންނަށް އަންނަ ހަފްތާގެ ތޭރޭގައި ގޯތި ދޫކުރާނެ ކަމަށް ވިދާޅުވެ ކައުންސިލަރު ލިއުމެއްގައި ސޮއިކުރެއްވުމުން ކަމަށެވެ.


ކައުންސިލަރު މޫސާ އުމަރު މަނިކު ވިދާޅުވީ ރަށުގެ ޒުވާނުންގެ ގްރޫޕަކުން ގޯތީގެ މައްސަލަ ކުރިމަތިކުރި ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް ވިދާޅުވުމެއް ނެތި އޭނާ ވަނީ ފޯނު ކަނޑުއްވާލައްވައިފަ އެވެ.