07 Feb 2013, 11:38
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ބަޖެޓުން 24 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގާފައިވާ ކަމަށް އޮޑިޓަށް ފާހަގަކުރި މައްސަލާގައި ޑީއެމްސީގެ ކުރީގެ ވެރިޔާ އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ސަބްއިންސްޕެކްޓާ ހަސަން ހަނީފު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައި ވަނީ މިއަދު 11:03 އެހާކަންހާއިރު ކަމަށާއި އޭނާ ހައްޔަރު ކުރަންޖެހުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާ ގުޅިގެން ހިންގާ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތަހުގީގަށް ކަމަށެވެ.
ޑީއެމްސީގެ ހިޔާނާތުގެ މައްސަލާގައި މިދިޔަ އަހަރު ވެސް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްގެން ފުލުހުންގެ ބެލުމުގައި ދަށުގައި ބައިތިއްބާ ގޮތަށް ޝާހިދު ވެސް ހައްޔަރުގައި ބަހައްޓާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.